ޖެނުއަރީން ފެށިގެން ތެލަސީމިއާ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ އެލަވަންސެއް ލިބޭނެކަން ރައީސް ޢިއުލާން ކުރަށްވައިފި

22 އޮކްޓޯބަރު 2025 - 03:54

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ތެލަސީމިއާ ބަލީގެ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފިއެވެ.
މިކަން އިޢުލާންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަންގާރަ ދުވަހުރޭ ބޭއްވެވި ޖަލްސާގައެވެ.

Ad by Hajj Corporation
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި އެލަވަންސްގެ ގޮތުގައި އަހަރަކު ޖުމްލަ 11.7 މިލިއަން ރުފިޔާ ވަނީ 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރާ އެލަވަންސެކެވެ. އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ތެލަސީމިއާ ޕޭޝަންޓުންނަށް ޚާއްޞަ އެލަވަންސެއް ތަޢާރަފުކުރުމަކީ ރައީސް މުޢިއްޒުގެ ވަޢުދުފުޅެކެވެ.
އެކަނިވެރި މައިންނަށް ދޭ އެލަވަންސްވެސް އިތުރުކުރަނީ
މީގެއިތުރުން، ރައީސް މުޢިއްޒު ވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވަންސް ވެސް އިތުރުކުރައްވާނެކަން އިޢުލާންކުރައްވާފައެވެ. މިގޮތުން އެކަނިވެރި މައިންނަށް ދޭ އެލަވަންސް ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރެއްވުމަށް 211 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނުއްވާފައެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދަރިން ތަރުބިއްޔަތުކުރުމަށް ދޭ އެހީގެ މިންވަރު ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން، ޖުމްލަ 12,000 ރުފިޔާއަށް އިތުރުކުރުމަކީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނިފައިވާ މުހިންމު ވަޢުދެކެވެ. މި ދެ އެލަވަންސްގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނަށް މާލީ ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.