ދަރަނިތައް ދައްކަމުން، މަޝްރޫޢުތައް ކުރިއަށް މި ގެންދަނީ ހަމަ ފައިސާ ޗާޕު ނުކޮށް: ރައީސް
20 އޮކްޓޯބަރު 2025 - 18:16

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޤައުމު ވެއްޓިފައި އޮތް އިޤްތިޞާދީ އަނދަވަޅުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތުގައި، ދަރަނިތައް ދައްކަމުން، މަޝްރޫޢުތައް ކުރިއަށް ގެންދަނީ ވައުދުވެވަޑައިގެންނެވި ގޮތަށް ފައިސާ ޗާޕު ނުކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފިއެވެ.
ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، އެތައް ހާސް މިލިއަން ރުފިޔާއެއްގެ ބިލުތައް، ރައްޔިތުންގެ ކުދިކުދި ކުންފުނިތަކަށް ސަރުކާރުން ދަރާފައި އޮތްކަން ފާހަގަކުރައްވާފައެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމިގެންދިޔައިރު، ސަރުކާރުގެ ކުންފުނިތަކުން، ރައްޔިތުންގެ އެކިއެކި ކުންފުނިތަކާ ހަވާލުކޮށް ކުރިއަށް ގެންގޮސްފައިވާ އެތައް މަސައްކަތަކަށް ދައްކަންޖެހޭ ފައިސާތައް އޮތީ ނުދައްކައެވެ.

Ad by Hajj Corporation
މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ދިވެހި ކުންފުނިތަކަށް ސަރުކާރުން ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް 5 ހަފްތާ ތެރޭ ދީ ނިންމަވާނެކަމަށް ރައީސް ވަނީ މި މަހުގެ ދެވަނަ ދުވަހު ވިދާޅުވެފައެވެ.
އެއީ ވެވަޑައިގެންނެވި ވައުދުފުޅެއްކަމާއި އެ ވައުދުފުޅު ވެސް ފުއްދަވާނެކަން ފާޙަގަކުރައްވައި ރައީސް ވިދާޅުވީ، އެފަދައިން މަސައްކަތް ކުރުވައި ފައިސާ ނުދީ އޮތް އެތައް ބިލެއް މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޮތީ "ފުނިޖެހިފައި" ކަމަށެވެ.
އެތައް ހާސް މިލިއަން ރުފިޔާއެއްގެ ބިލުތައް، ތިޔަފަދަ ލޮބުވެތި ރައްޔިތުންގެ ކުދިކުދި ކުންފުނިތަކުން ސަރުކާރުގެ ކުންފުނިތަކަށް ކޮށްދީފައިހުރި މަސައްކަތްތަކާއި، މިނިސްޓްރީތަކަށް ކޮށްދީފައި ހުރި މަސައްކަތްތަކަށް (ދޭންޖެހޭ ފައިސާ) އަޅުގަނޑުމެންނާ ހަވާލުވިއިރު އޮތީ ފުނިޖެހިފައި. އާދައިގެ ބަހުން ދަންނަވާނަމަ ހަމަ ފުނިޖެހިފަ. އެތައް ހާސް މިލިއަން ރުފިޔާގެ އެތައް ބިލެއް. ފައިސާ ނުދައްކާ ސަރުކާރު ބަދަލުވިއިރުގައި އޮތް. އަޅުގަނޑުމެން މިހާރު ބަލާލާއިރުގައި ވެސް ދެ ބިލިއަނެއްހައި ރުފިޔާ އެބައޮތް - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
މި ސަރުކާރުން މިހާރު އަންނަނީ މި ދަރަނިތައް ދައްކަމުންކަން ފާހަގަކުރައްވައި ރައީސް ވަނީ، މި މަހުގެ ދެވަނަ ދުވަހު ވައުދުވެވަޑައިގެންނެވި ގޮތަށް، އެ މުއްދަތުގެ ތެރޭގައި ދަރަނިތައް ދައްކައި ނިންމާނެކަމުގެ ޔަގީންކަން އަނެއްކާވެސް ދެއްވާފައެވެ. އަދި މި ފައިސާ ދައްކަމުން ދަނީ ވެސް އަދި ދައްކާ ޚަލާސް ކުރައްވާނީވެސް، ވައުދުވެވަޑައިގެންނެވި ފަދައިން ފައިސާ ޗާޕުނުކޮށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ދެންނެވިހެން އެތައް ހާސް ރައްޔިތުންނެއްގެ ފައިސާ، ނުދެވި ހުރި ފައިސާ މި ދައްކައިދެނީ. މިކަން މި ކުރަނީ، ހަމަ އަޅުގަނޑުވީ އަނެއް ވައުދުވެސް ފުއްދަމުން. އެއީ ފައިސާ ޗާޕުނުކޮށް. ފައިސާ ޗާޕު ނުކޮށް މިކަން މި ކުރަނީ. އަޅުގަނޑުމެން ވައުދު ވަނީ ވައުދު ފުއްދަން - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
މި ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ސަރުކާރުން ދަރާފައިވާ ފައިސާ ދެއްކުމުގެ މަސައްކަތް ކުރަމުން ދަނީ ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް ވިދާޅުވިއިރު، ނިމިދިޔަ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިއީ މީގެ 40 އަހަރު ޗާޕުކުރި ފައިސާއާއި ނުބައްދަލު ޢަދަދެކެވެ. މިއާއެކު ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނުރަނގަޅު އަސަރުކުރިކަމަށް އީޤްތިޞާދީ މާހިރުން ބުނެއެވެ.
ފާއިތުވި އެމްޑީޕީ ސަރުކާރުގައި ދަރަނީ އުފައްދާފައި އޮތީ އިންތިހާއަށް ރެކޯޑް މިންވަރަކަށެވެ. އެހެން ނަމަވެސް ހަގީގަތަށް ބަލައިފިނަމަ އެ ދަރަންޏާއި އެއްވަރުގެ އެއްވެސް މަޝްރޫޢެއް މި ދިޔަ ސަރުކާރަކަށް ނުހިންގެއެވެ. މި ދިޔަ ސަރުކާރުން ހިންގި އެންމެ ބޮޑު މަޝްރޫޢަކީ އެކި ނަންނަމުގައި އެކިފަރާތްތަކަށް ބަދަލު ދިނުމެވެ. ތާފާސް ހިސާބުތަކަށް ބަލާއިރު 2018 އިން 2013 ދައުލަތުގެ ސީދާ ދަރަނި 60 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި ސޮވްރިން ގެރެންޓީ ދީފައި ހުރި އަދަދު 20 ބިލިއަން އަރައެވެ. އެހެންކަމުން ޖުމްލަ 80 ބިލިއަން ރުފިޔާގެ ދަރަނި އެ ސަރުކާރުން އުފެއްދިއެވެ.