logo
MPL

MPL

ރިޕޯޓް

ސޯލިހަކީ ޤައުމު ދަރަނިވެރިކޮށް މިނިވަންކަން ވިއްކާލި ޚާއިނެއް!

އަޙުމަދު ރަމީޒު
15 އޮކްޓޯބަރު 2026 - 06:39
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމަކީ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ދިވެހިންނަށް ފެނުނު އެންމެ ހިތްދަތި ފަސް އަހަރެވެ. ދިވެހިންގެ އިޖުތިމާއީ ފޭރާން އެންމެ ބޮޑަށް ވީދިގެން ދިޔަ ފަސް އަހަރެވެ. ދިވެހި ގައުމު އެންމެ ބޮޑަށް ދަރުވާލި ފަސް އަހަރެވެ. ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލް ގާތްގަނޑަކަށް ގެއްލުވާލި ފަސް އަހަރެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމި، ޖެހިގެން އައި ދުވަހު މުޅި ގައުމުގައި ހުޅުޖަހައި 200 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ދިވެހި ދައުލަތަށް ދިން އިރު، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް ލީޑަރަކީ ސޯލިހް އެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، ހިޔާނާތުގެ ހުތުރު ފައިސާއަށް މަޖިލިސް މެންބަރުން ގަނެ ވިއްކުމުގެ ވިޔަފާރި އެމްޑީޕީން ރާއްޖެއަށް ތައާރަފްކުރިއިރު އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް ހުރީވެސް ރައީސް ސޯލިހްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިގްތިސާދު މެނޭޖުކުރާނެ ގޮތެއް ނޭނގި ބިލިއަނުން ރުފިޔާ ޗާޕްކޮށް، ދިވެހި ރުފިޔާގެ އަގު ވައްޓާލައި، ދިވެހިން ޑޮލަރު ފަހައި ދުވަން މަޖުބޫރުކުރީވެސް ސޯލިހްގެ ވެރިކަމުގައެވެ. ލޯން ނަގަމުން ނަގަމުން ގޮސް ލޯން ދެއްކުމަށްވެސް ލޯން ނެގި ސަރުކާރަކީ ސޯލިހްގެ ސަރުކާރެވެ. ލޯން ދެއްކުމަށް ހާއްސަކޮށްގެން ފަހަށް ފައިސާ ރައްކާކޮށްފައި ހުރި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގައި ހުރިއްޔާ ހުރި ޑޮލަރެއް ދިވެހި ރުފިޔާއަށް މާރުކޮށް އެ ފަންޑު ހުސްކޮށްލީވެސް ސޯލިހްގެ ނާގާބިލް ވެރިކަމުގައެވެ.

ވ. އަތޮޅު ފޮއްތެޔޮ ފަޅު ކަހަލަ ރާއްޖޭގެ ބޮޑެތި ފަޅުތައް އަޑިނޭނގޭ ގޮތަށް ނުއަގުގައި ވިއްކާލި ވެރިޔަކީވެސް ސޯލިހް އެވެ. އަރިސް ބައެއް ބޭފުޅުންގެ ރިސޯޓްތަކުން ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީ ދައުލަތަށް ގެއްލުންވާ ގޮތަށް މައާފްކޮށްދިނީވެސް ސޯލިހް އެވެ. އާޚިރު ނަތީޖާއަކީ ސޯލިހްގެ ވެރިކަމުގައި އެކަނިވެސް 60.7 ބިލިއަން ރުފިޔާގެ ދަރަނި އުފެދިގެން ދިއުމެވެ. މިއީ ދިވެހި ތާރީހުގައިވެސް ވެރިޔަކު ދިވެހި ދައުލަތް ދަރުވާލި އެންމެ މަތީ އަދަދެވެ.

އިޖުތިމާއީ މައްސަލަތަކަށް ބަލާއިރު ސޯލިހަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ޖަލަށްލާފައި ތިބި ބައެއް މީހުންގެ އަދަބަށް ލުއިދީ އެފަދަ މީހުން މިނިވަންކުރި ވެރިއެކެވެ. ދިވެހި ތާރީހުގައިވެސް ހިންގާފައިވާ ހިޔާނާތުގެ އެންމެ ބޮޑެތި މައްސަލަތަކުގައި ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ބައެއްގެ އަދަބު ލުއިކޮށްދީ އެ މީހުން ދޫކޮށްލީވެސް ސޯލިހް އެވެ. މަސްތުވާތަކެތި ވިޔަފާރިކުރާ އެންމެ ބޮޑެތި މުޖުރިމުންގެ އަދަބު ލުއިކޮށްދީ، އެފަދަ އެތައް މުޖުރިމަކު ޖަލުން މިނިވަންކޮށް މުޖުތަމައު ބޮޑު ނުރައްކަލަކަށް ވައްޓާލީވެސް ސޯލިހްގެ ވެރިކަމުގައެވެ.

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައި އޮތް ކަނޑުގެ ސަރަހައްދުގެ ބޮޑު ބައެއް އަމިއްލަ އިޚްތިޔާރުގައި ދޫކޮށްލި މަކަރުވެރިޔަކީވެސް ރައީސް ސޯލިހް އެވެ. އަމިއްލަފުޅަށް ސިޓީ ލިޔުއްވައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ހިބަކޮށްދިން ޚާއިނަކީވެސް ރައީސް ސޯލިހްއެވެ. ދިވެހި ދައުލަތުގެ މިލްކިއްޔާތުގައި ހިމެނޭ ބޮޑު ސަރަހައްދެއް އެހެން ގައުމަކަށް ހިބަކޮށްދިންއިރު، ދިވެހި ރައްޔިތުން ތަމްސީލްކުރަން އޮތް، ރައްޔިތުންގެ މަޖިލީހުގައި ހޭވެސް އަހާ ނުލައި ސިއްރިޔާތުގައި ކަންކޮށްލި ހިޔަޅު ވެރިޔަކީވެސް ސޯލިހްއެވެ.

ނަވާރަ ދިވެހިން ޝަހީދުކޮށްލި ބާޣީންގެ އާއިލާއަކާ ގުޅިފައިވާތީ، ދިވެހިންގެ ފަހުރުވެރި ނަސްރުގެ ދުވަސް އެއީ އެއްވެސް ކަމެއް ނުވާ "ޔޫ" ކެޓަގަރީގެ ދުވަހަކަށް ބަދަލުކޮށްލީވެސް ސޯލިހްގެ ހުތުރު ޒައާމަތުގައެވެ. ވެރިކަމުގައި ހުރެ 100 އަށް ވުރެ ގިނަ ހައްސާސް އެއްބަސްވުންތަކުގައި ސޮއިކުރިއިރު، އެ ހުރިހާ އެއްބަސްވުމެއް ކަހަލަ ގޮތަކަށް ސިއްރުކުރި ވެރިޔަކީވެސް ސޯލިހް އެވެ. ސޯލިހްގެ ޣައިރު ޒިންމާދާރު ވެރިކަމާ ދެކޮޅަށް ނޫސްވެރިން ލިޔާން ފެށުމުން ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު، ހާމަކުރަންޖެހޭ ގޮތަށް ހެއްކާބެހޭ ބިލެއް މަޖިލީހުން ފާސްކޮށް ކަންކަން ފޮރުވަން މަސައްކަތް ކުރެއްވީވެސް ސޯލިހް އެވެ. މަނިކުފާނުގެ އެންމެ ގާތް ރަހްމަތްތެރިޔާ، ގަލޮޅު ކެނެރީގެ މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލުމުން އެކަމުގައި މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގުމަށް ހުރަސް އެޅުއްވީވެސް އެ މަނިކުފާނުގެ ސަރުކާރުގައި ކަމަށް ނަޝީދުގެ އާއިލާއިން ތުހުމަތުކޮށްފައިވެ އެވެ.

އެހެންކަމުން އެމްޑީޕީގެ ދޯހަޅި ސިޔާސަތުތަކާއި، ސޯލިހުގެ ޣައިރު ޒިންމާދާރު ވެރިކަމަކީ މިގައުމުގެ މުސްތަގުބަލަށްވެސް މިއަދު ކުރިމަތިވެފައި އޮތް ބޮޑު ނުރައްކަލެކެވެ. މާޒީގައި ހަދާފައިވާ ބޮޑެތި ގޯސްތަކާއި ކުށްތައް ގަބޫލުކޮށް، އެއިން ފިލާވަޅެއް ލިބިގަންނަން ސޯލިހަށް ދަސްވެފައި ހުރި ނަމަ، ދިވެހިންގެ ކުރި މައްޗަށް ނިކުމެ ވާހަކަދެއްކުމަކީވެސް ސޯލިހް މިއަދު ލަދުގަންނަންޖެހޭ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޯލިހަކީ ޤައުމު ދަރަނިވެރިކޮށް މިނިވަންކަން ވިއްކާލި ޚާއިނެއް!ރިޕޯޓް | ގަޑިއިރެއް ކުރިންތިން ރައީސުންގެ އެއްބަސްވުން ތޮޅިއަށްރިޕޯޓް | 6 ދުވަސް ކުރިންރައީސް ސޯލިހުގެ ހުސްއަނގަ ތެޅުމާއި، ގެއްލުނު 5 އަހަރުރިޕޯޓް | 9 ދުވަސް ކުރިންމިސަރުކާރުން 1.3 ބިލިއަން ޑޮލަރު ދައްކައިފިން: ރައީސްޚަބަރު | މަހެއް ކުރިން