logo
MPL

MPL

ރިޕޯޓް

ތިން ރައީސުންގެ އެއްބަސްވުން ތޮޅިއަށް

އަޙުމަދު ރަމީޒު
9 އޮކްޓޯބަރު 2026 - 02:57
ކުރީގެ ތިން ރައީސުން ކަމުގައިވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި އިބްރާހީމް މުހައްމަދު ސޯލިހް
ކުރީގެ ތިން ރައީސުން ކަމުގައިވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި އިބްރާހީމް މުހައްމަދު ސޯލިހް

ކުރީގެ ތިން ރައީސުން ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޒިންމާދާރުކުރުމުގެ ނަމުގައި ސިޔާސީ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު އެވެ. ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓްގެ ނަމުގައި ހަރަކާތްތަކެއް ފެށުމަށް އެއްބަސްވީނަމަވެސް އެ ދުވަހަށްފަހު ތިން ރައީސުންގެ ހިލަމެއް ނެތެވެ.

ނަޝީދާއި ޔާމީނާއި ސޯލިހް އެކުގައި މަސައްކަތްކުރަން ފެށީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފައިވާ ކަމަށް ވިދާޅުވެ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ހުވަފެން ދައްކަމުންނެވެ. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ތިން ރައީސުން ވަނީ ނޫސްވެރިންނަށް އެބޭފުޅުން ވަރަށް ބޮޑަށް ހެޔޮއެދޭ ކަމަށް ވިދާޅުވެ ނޫސްވެރިންގެ ހައްގުގައި ތާއަބަދު މަސައްކަތްކުރެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމަކު ނަޝީދާއި ޔާމީނާއި ސޯލިހްގެ ވެރިކަމަކީވެސް ނޫސްވެރިންނަށް ހުރިހާ މައުލޫމާތެއް ހާމަކޮށް އަދި ނޫސްވެރިންގެ މަސައްކަތްތަކަށް އެއްބާރުލުން ދިން ސަރުކާރުތަކެއް ނޫނެވެ. އެހެންކަމުން ސިޔާސީ މަންފާ ހޯދުމަށްޓަކައި އެހެން ސަރުކާރެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ތިން ރައީސުންގެ ވެރިކަމުގައި ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް ދަތިވާގޮތަށް ކުރެއްވި ކަންކަމަށް މައާފަށް އެދިވަޑައިގަތުން މާރަނގަޅެވެ.

ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މުޅި މީޑިއާ ހިސޯރުކޮށް، އެތަނުން ކުރިހާވެސް މަސައްކަތަކީ އެމަނިކުފާނުގެ ވެރިކަމަށް ސަނާކިޔުމާއި، މިސްރާބެއް ނެތި އޮޔާދިޔަ ނަޝީދުގެ ސަރުކާރުގެ މޫނުމަތި ރީތިކޮށްދިނުމެވެ. ޔާމީންގެ ވެރިކަމަކީ ދިވެހި ތާރީޚުގައިވެސް ނޫސްވެރިންނަށް އެންމެ ބޮޑަށް އަނިޔާދީ ގެއްލުންދީ ފުރައްސާރަކުރި ފަސް އަހަރެވެ. އެންމެ ގިނަ ނޫސްވެރިންނަށް ދައުވާކޮށް ޖަލަށްލީވެސް ޔާމީންގެ ވެރިކަމުގައެވެ. ސޯލިހްގެ ބޭކާރު 5 އަހަރުގެ ތެރޭގައި ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ގާނޫނެއް ފާސްކުރުމުގެ އިތުރުން، ސޯލިހްގެ ސަރުކާރުގައި އެކުލަވާލި ވަރަށް ގިނަ އެއްބަސްވުންތަކުގެ މައުލޫމާތު ނޫސްވެރިންނަށް ނުދީ ސިއްރުކޮށްފައިވެ އެވެ.

ތިން ރައީސުން ސަލާންކުރައްވައިގެން ތިއްބަވައި، ސިޔާސީ ފޮޓޯއެއް ނެންނެގެވި ފަހުން ތިން ބޭފުޅުންގެ އެފަދަ ފޮޓޯއެއް އަދި ނެގިފައެއް ނުވެ އެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ ފޮޓޯއެއް ނެގުމަކީވެސް ދުރު ކަމެއް ކަމަށް ދެކޭ މީހުން ވަރަށް ގިނަ އެވެ. ސަބަބަކީ ނަޝީދާއި ޔާމީނާއި ސޯލިހަކީ އެ ބޭފުޅުންގެ ވެރިކަމުގައި ދެން ތިއްބެވި ދެ ބޭފުޅުންނަށް އެކިވަރުގެ އަނިޔާދީ، ސިޔާސީ ގޯނާތައް ކޮށްފައިވާ ވެރިންނަށްވީތީ އެވެ.

ނަޝީދުގެ ވެރިކަމުގައި ރައީސް ޔާމީންގެ އިސްތަށިފުޅުގައި 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއްގެ ބޮޑު ތުހުމަތެއް އަޅުވައި އެކި ފަހަރު މަތިން ފުލުހަށާއި މަޖިލީހަށް ހާޒިރުކޮށް، އަދި ބައެއް ފަހަރު ޖަލަށްވެސް ލާފައިވެ އެވެ. އޭގެފަހުން ޔާމީން ވެރިކަމަށް ވަޑައިގެން، ނަޝީދުގެ މައްޗަށް ޓެރިޒަމްގެ ދައުވާކޮށް، އޭނާ 13 އަހަރަށް ޖަލަށްލައި، ޖަލުގައި އެތައް އަހުވައެއް ވަނީ ދައްކާފަ އެވެ. ޔާމީންގެ ވެރިކަމުގައި ކުޑަދުވަސްކޮޅަކަށް ނަމަވެސް ސޯލިހަށްވެސް ޖަލު އަދަބުދީފައިވެ އެވެ. ޔާމީންގެ ފަހުން ސޯލިހް ސަރުކާރާ ހަވާލުވެވަޑައިގެން ޔާމީންގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާކޮށް، ހުރަގޭގައި އެތައް އަހަރަކު އެމަނިކުފާނު ގެންގުޅުއްވާފައިވެ އެވެ. ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިނުގަތީވެސް، ސޯލިހުގެ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައި ޔާމީންގެ ކެންޑިޑެސީ ފޭރިގަތުމުން ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

ތިން ރައީސުންގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ހިތްޕުޅުގައިވެސް އަނެއް ބޭފުޅަކާ މެދު ޒާތީ ހަސަދައާއި ރުޅިވެރިކަމާއި ނަފްރަތުގެ ހޫނުއަލިފާން އަނދަމުންދާއިރު، ތިން ރައީސުން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ބަޔަކަށް ހީވުމަކީ ކުރެވޭ ކުށްހީއެކެވެ. ވެރިކަމުގެ ޝާނާޝައުކަތު ލިބިގަތުމަށް ތިން ރައީސުން އަދިވެސް ދަހިވެތިކަމުގައި ތިއްބެވީތީ، އަމިއްލަ އެދުން އެއްފަރާތްކޮށް، ގައުމުގެ ހައްގުގައި އެބޭފުޅުން މަސައްކަތް ކުރެއްވުމަކީ ދުވަހަކުވެސް ހަގީގަތަކަށް ވާނެ ކަމެއް ނޫނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން ރައީސުންގެ އެއްބަސްވުން ތޮޅިއަށްރިޕޯޓް | ގަޑިއިރެއް ކުރިންރައީސް ސޯލިހުގެ ހުސްއަނގަ ތެޅުމާއި، ގެއްލުނު 5 އަހަރުރިޕޯޓް | 2 ދުވަސް ކުރިންއީގަލް ހިލްސް މަޝްރޫއު އެމްޑީޕީއަށް ވެސް ކަމުދޭ, ކޮންގްރެސްގައި އެވާހަކަ ދައްކައިފިޚަބަރު | 6 ދުވަސް ކުރިންނަޝީދަކީ ޑިމޮކްރެޓިކް ލީޑަރެއްތަ؟ރިޕޯޓް | 8 ދުވަސް ކުރިން