logo
MPL

MPL

ކޯޓް ރޫމް

ނަޝީދުގެ ވަޢުދުން އަލަކާ ސިންގްއަށް 150,000 ޑޮލަރު ނުލިބޭނެ: ސުޕްރީމް ކޯޓު

އަޙުމަދު ރަމީޒު
17 އޮކްޓޯބަރު 2026 - 15:00
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އީމެއިލެއްގައި ބުނި ބުނުމެއްގެ މައްޗަށް 150,000 ޑޮލަރު ހޯދުމަށް ޑރ. އަލަކާ ސިންގް، މުޙައްމަދު ނަޝީދުގެ މައްޗަށް ކުރި މައްސަލައިގައި، އެ ބުނުމަކީ ކޯޓުން ތަންފީޒުކުރެވޭނެ އެއްބަސްވުމެއް ނުވަތަ ވަޢުދެއް ނޫން ކަމަށް ބުނެ، ނަޝީދު އެ ފައިސާ ދައްކަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ ‪2021/SC-A/74 މައްސަލައިގެ ހުކުމް 14 އޮކްޓޯބަރު 2026 ގައި ނެރުނީ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ސުޕްރީމް ކޯޓުން ދަމަހައްޓައިދިނީ، ނަޝީދު 150,000 ޑޮލަރު ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، ހައިކޯޓުގެ ‪2018/HC-A/405 މައްސަލައިގައި ކުރި ހުކުމެވެ. މިއާއެކު، 2017 ވަނަ އަހަރު ސިވިލް ކޯޓުގައި ފެށުނު މި ދައުވާ ނިމުމަކަށް އައިއިރު، ނަޝީދުގެ މައްޗަށް ފައިސާއެއް ދެއްކުމުގެ ޒިންމާއެއް ނުއުފެދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައްސަލައަކީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ސިންގް އިންވެސްޓްކޮށް، ނަޝީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ބަރުތީލަ" ނަމަކަށް ކިޔާ ބޯޓު 2014 ވަނަ އަހަރު ވިއްކާލުމާ ގުޅިގެން ދިމާވި މައްސަލައެކެވެ. ނަޝީދުގެ ކްލައިންޓެއް ކަމަށްވާ ކްރިސްޓޯފް ޕީޓަރ ނިކޮލާ ގްރޯހް ބޯޓު ގަތުމަށް ޝައުގުވެރިވުމުން، 4 ސެޕްޓެމްބަރު 2014 ގައި ނަޝީދު ސިންގްއަށް ފޮނުވި އިމެއިލެއްގައި، 400,000 ޑޮލަރާއި ބޯޓު ވިކޭ އަގާ ދެމެދުގެ ފަރަގު ސިންގްއަށް ދައްކާނެ މަގެއް ހޯދަން ޖެހިދާނެ ކަމަށް ބުނެފައިވެއެވެ. އޭގެ ސަބަބަކަށް ބުނީ، ބޯޓަށް ސިންގް އިންވެސްޓްކުރީ ނަޝީދުގެ ލަފާގެ މަތިން ކަމުން، އެކަމުގެ ޒިންމާ ނަޝީދަށް އުފުލަން ޖެހޭ ކަމަށެވެ.

ގްރޯހް ބޯޓު ގަތުމަށް ހުށަހެޅީ 250,000 ޑޮލަރެވެ. 3 ނޮވެމްބަރު 2014 ގައި ސިންގް، 250,000 ޑޮލަރާއި 400,000 ޑޮލަރާ ދެމެދުގެ ފަރަގު ފޫބެއްދުމަށް ނަޝީދު ކުރި "ދީލަތި" ހުށަހެޅުމަށް ޝުކުރުއަދާކޮށް، ޓެކްސްގެ ބޭނުމަށް 31 މާރޗް 2015 ގެ ކުރިން ފައިސާ ލިބިދާނެތޯ ސުވާލުކުރިއެވެ. ނަޝީދު ޖަވާބުދިނީ، އެއީ ޝުކުރުވެރިކަމުގެ ވަޢުދެއް ކަމަށާއި އިލްތިޒާމެއް ނޫން ކަމަށް، އަދި ފައިސާ ދެއްކޭނީ ދެއްކޭނެ ގޮތެއް ވީ ވަގުތަކުން ކަމަށެވެ. ޖެހިގެން އައި ދުވަހު ސިންގް ޖަވާބުދިނީ، އެ ވަޢުދަކީ ޔަގީނުންވެސް އިލްތިޒާމެއް ނޫން ކަމަށާއި، އެކަން ތަންފީޒުކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ ‪2293/Cv-C/2017 މައްސަލައިގައި ސިންގް ދައުވާކުރީ، ބޯޓު ކުޑަ އަގެއްގައި ވިއްކާލި ކަމަށް ބުނެ، ބަދަލުގެ ގޮތުގައި ދޭން ނަޝީދު އެއްބަސްވި ކަމަށް ބުނާ 150,000 ޑޮލަރު ހޯދުމަށެވެ. ދެފަރާތުގެ މެދުގައި އެއްބަސްވުމެއް އުފެދިފައިވާ ކަމަށް ބުނެ، އެ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން ނަޝީދަށް އަމުރުކުރިއެވެ. ނަޝީދު ހައިކޯޓަށް އިސްތިއުނާފުކުރުމުން، ދެފަރާތުގެ މެދުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ނެތް ކަމަށް ބުނެ ހައިކޯޓުން އެ ހުކުމް ބާތިލުކުރިއެވެ.

ސުޕްރީމް ކޯޓުގައި ސިންގް ބުނީ، ދެފަރާތުގެ މެދުގައި ބަނދެވޭ ކޮންޓްރެކްޓެއް އުފެދިފައިވާ ކަމަށާއި، ވަޢުދަށް ބަރޯސާވެގެން ކަންކަން ކުރި ކަމުން "ޕްރޮމިސަރީ އެސްޓޮޕަލް" ގެ އުސޫލުން ވަޢުދު ތަންފީޒުކުރަން ޖެހޭ ކަމަށެވެ. އަދި "މިނިވަނާގެ ވަޢުދަކީ އޭނާގެ މައްޗަށްވާ ދަރަންޏެކެވެ" މި މާނައިގެ ހަދީސެއް އޮންނާތީ، ބަރޯސާވުމެއް ނެތް ނަމަވެސް އިސްލާމީ ޝަރީއަތުގައި ވަޢުދު ފުއްދުން ލާޒިމު ކަމަށް ސިންގްގެ ވަކީލު ބުނިއެވެ. ޕްރޮމިސަރީ އެސްޓޮޕަލްގެ އުސޫލު ފުޅާކޮށް، އެމެރިކާގެ "ރީސްޓޭޓްމަންޓް (ސެކަންޑް) އޮފް ކޮންޓްރެކްޓްސް" ގެ މިންގަނޑުތަކަށް ރިއާޔަތްކުރުމަށްވެސް އެދުނެވެ. ނަޝީދު ބުނީ، ސިންގްގެ ނުކުތާތަކަކީ ދަށު ކޯޓުތަކުގައި ދެއްކި ވާހަކަ ތަކުރާރުކުރުން ކަމަށާއި، ބޯޓު ވިއްކަން ސިންގް ނިންމީ ނަޝީދުގެ ވަޢުދަށް ބަރޯސާވެގެން ކަމަށް ބުނެވޭނެ ހެއްކެއް ނެތް ކަމަށެވެ.

މައްސަލައިގެ ރައުޔު ލިޔުއްވި ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ކަނޑައެޅުއްވީ، ކޮންޓްރެކްޓާބެހޭ ގާނޫނުގެ ދަށުން ކޮންޓްރެކްޓެއް އުފެދޭނީ ސާފު، ޔަގީން، އަދި ގާނޫނީ ގޮތުން ބަނދެވުމުގެ ނިޔަތުގައި ކުރާ ހުށަހެޅުމެއް ޤަބޫލުކުރުމުން ކަމަށެވެ. ނަޝީދުގެ އިމެއިލްގައިވާ "ގޮތެއް ހޯދަންޖެހިދާނެ" މި ޢިބާރާތަކީ "މާނަ ނޭނގޭ އަދި އޮޅުން ނުފިލާގޮތަށްއޮތް ޢިބާރާތެކެވެ" ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ބާކީ ފައިސާ ދައްކާނީ ކިހިނެއް، ކޮން އިރަކު، ކޮން އުސޫލަކުން ކަމެއް އިމެއިލްގައި ބުނެފައި ނުވާއިރު، އެއީ ހުށަހެޅުމެއް ކަމަށް ބަލައިފިނަމަވެސް ސިންގް އެ ހުށަހެޅުން ޤަބޫލުކުރުމުގެ ކުރިން އޭގެ ނިމުން އައިސްފައިވާ ކަމަށާއި، އެއީ އިލްތިޒާމެއް ނޫންކަން ސިންގް ވެސް ސާފުބަހުން ޤަބޫލުކޮށްފައިވާ ކަމަށް ހުކުމުގައިވެއެވެ.

އިސްލާމީ ޝަރީއަތުގެ ނުކުތާގައި ސުޕްރީމް ކޯޓުން ކަނޑައެޅީ، މުގާބިލެއް ނުވަތަ ބަރޯސާވުމެއް ނެތް ވަޢުދެއް ފުއްދުން ލާޒިމުވަނީ އަޚްލާގީ ގޮތުން ކަމަށާއި، ވަޢުދުވި މީހާގެ ނުރުހުމުގައި ކޯޓުން އެ ވަޢުދު ތަންފީޒުކުރެވޭނެ ޝަރުޢީ ހަމައެއް ނެތް ކަމަށެވެ. ސިންގްގެ ވަކީލު ހަދީސެއް ކަމަށް ބުނި ބަހަކީ ހަދީސެއް ނޫން ކަމަށާއި، ޢަރަބިންގެ ތެރޭގައި ވަޢުދު ފުއްދުމާ ގުޅޭގޮތުން ބުނެއުޅޭ މަޝްހޫރު ބަހެއް ކަމަށްވެސް ކޯޓުން ފާހަގަކުރިއެވެ. ބައިނަލްއަގުވާމީ އިސްލާމިކް ފިޤުހު އެކަޑަމީގެ ގަރާރުގައިވެސް ވަޢުދު ލާޒިމުކުރަނީ، ޝަރުތަކާ ގުޅުވައިގެން ވެވޭ ވަޢުދަކަށް ބަރޯސާވެ ގެއްލުމެއް ލިބިފައިވާ ހާލަތުގައި ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ބޯޓު ގްރޯހަށް ވިއްކުމުގެ މުއާމަލާތް ކުރީ ސިންގް އާއި ގްރޯހް ސީދާ ވާހަކަދައްކައިގެން ކަމަށާއި، ބޯޓު އުތުރަށް ގެންދިއުމުގެ ހުއްދައާއި ރަޖިސްޓްރީ ބަދަލުކުރުމުގެ އިޚްތިޔާރު ދިނީ ސިންގް އަމިއްލައަށް ކަމަށް ކޯޓުން ކަނޑައެޅިއެވެ. އެހެންކަމުން، ނަޝީދުގެ ވަޢުދަށް ބަރޯސާވެގެން ސިންގް ކުރި ޢަމަލެއް ނެތް ކަމަށް ކޯޓުން ނިންމިއެވެ.

ޕްރޮމިސަރީ އެސްޓޮޕަލްގެ އުސޫލު ތަތުބީގުކުރެވޭނީ، ވަޢުދު ރައްދުވާ ފަރާތުން އެ ވަޢުދަށް އެކަށީގެންވާ ގޮތެއްގައި ބަރޯސާވެ ޢަމަލުކޮށްފައިވާ، އަދި ވަޢުދާ ޚިލާފަށް ޢަމަލުކުރުމަކީ އިންސާފާ ޚިލާފު ކަމަކަށްވާ ހާލަތުގައި ކަމަށް، ބޭންކް އޮފް މޯލްޑިވްސް ވ. ސަލްޓަންސް އޮފް ދަ ސީސް އަދި ޢަބްދުލް މަޖީދު ވ. މާލޭ ސިޓީ ކައުންސިލް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ މިންގަނޑު ހުކުމުގައި ތަކުރާރުކޮށްފައިވެއެވެ. އެމެރިކާގެ ރީސްޓޭޓްމަންޓްގެ 90 ވަނަ ނަންބަރުވެސް ބިނާވެފައިވަނީ ބަރޯސާވުމާއި އިންސާފުގެ މައްޗަށް ކަމުން، ސުޕްރީމް ކޯޓުގެ މިހާރުގެ މިންގަނޑާ ދުރަށް ދާންޖެހޭ ފަދަ ފަރަގެއް ނެތް ކަމަށް ބުނެ، އުސޫލު ފުޅާކުރުމަށް ސިންގް އެދުނު ނުކުތާ ކޯޓުން ބަލައެއް ނުގަތެވެ.

މި ބޯޓު ވިއްކުމާ ގުޅިގެން ސިންގް ކުރި އެހެން މައްސަލައެއްގައި، 7 ނޮވެމްބަރު 2024 ގައި ސުޕްރީމް ކޯޓުން ‪2023/SC-A/33 އަދި 34 ގައި ކަނޑައަޅާފައިވަނީ، ބޯޓު ގަތީ ބެއާރފުޓް ނޫމަޑި ހޮޓެލް ޕވޓ ލޓޑ ކަމަށާއި، 250,000 ޑޮލަރުގެ އަގުން ބާކީ 210,000 ޑޮލަރު 14 ދުވަހުގެ ތެރޭގައި ސިންގްއަށް ދައްކަން ޖެހޭނީ އެ ކުންފުނިން ކަމަށެވެ.

މި މައްސަލަ ބެލެއްވީ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޙުސައިން ޝަހީދެވެ. ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ތާއީދުކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޝީދުގެ ވަޢުދުން އަލަކާ ސިންގްއަށް 150,000 ޑޮލަރު ނުލިބޭނެ: ސުޕްރީމް ކޯޓުކޯޓް ރޫމް | 5 ގަޑިއިރު ކުރިންނަޝީދު: ދުނިޔޭގެ ފެންވަރުގެ ހުދުމުހުތާރު ލީޑަރެއްރިޕޯޓް | 13 ގަޑިއިރު ކުރިންހުޅުމާލޭ ގޯއްޗެއް ވިއްކިކަމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | 3 ދުވަސް ކުރިންތިން ރައީސުންގެ އެއްބަސްވުން ތޮޅިއަށްރިޕޯޓް | 9 ދުވަސް ކުރިން