ހުޅުމާލޭ ގޯއްޗެއް ވިއްކިކަމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި
14 އޮކްޓޯބަރު 2026 - 20:55

ހުޅުމާލޭގައި އާއިޝަތު އާނިޔާގެ ނަމުގައިވާ ގޯއްޗެއް ކޮންޓެކް ޕްރައިވެޓް ލިމިޓެޑަށް ވިއްކި ވިއްކުމަކީ ކޯޓު މެދުވެރިކޮށް ކުރި ސައްހަ މުއާމަލާތެއް ކަމަށް ހައިކޯޓުން ކުރި ހުކުމް، ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން، 11 އޮކްޓޫބަރު 2026 ގައި ނިންމި 2023/SC-A/13 މައްސަލައިގައި ހައިކޯޓުގެ ހުކުމް ބާތިލުކުރީ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ހައިކޯޓުގެ އެ ހުކުމުގައި ގޯތި ކޮންޓެކަށް މިލްކުވެއްޖެ ކަމަށް ކަނޑައަޅައި، ގޯތީގެ ރަޖިސްޓްރީ ކުންފުންޏަށް ހަދައިދިނުމަށް ސިޓީ ކައުންސިލަށް އަމުރުކޮށްފައި ވެއެވެ. ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އާއިޝަތު އާނިޔާ، 20 އޯގަސްޓް 2023 ގައި ނިޔާވުމުން، މައްސަލަ ކުރިއަށް ގެންދިޔައީ އޭނާގެ ވާރިސުން ތަމްސީލުކުރުމަށް ޢައްޔަންކުރި ފަރާތްތަކާއެކު އެވެ..
.png&w=750&q=75)
Ad by Hajj Corporation
މައްސަލައަކީ ހުޅުމާލޭގެ ލޮޓް ނަންބަރު 10443 (1104 އަކަފޫޓު)ގެ ގޯއްޗާ ގުޅިގެން 2011 ވަނަ އަހަރުން ފެށިގެން އެކި ކޯޓުތަކުގައި ކުރިއަށްދިޔަ ދެމެދުވުމެކެވެ. ގޯތި އަމިއްލަކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ދައްކަންޖެހުނު 680,748.27 ރުފިޔާއާއި އިތުރު 50,000 ރުފިޔާއާއެކު ޖުމްލަ 730,748.27 ރުފިޔާ ކޮންޓެކުން ދައްކާފައިވާ ކަމަށާއި، އޭގެ ބަދަލުގައި ގޯތި ،ކުންފުންޏަށް ވިއްކަން އެއްބަސްވި ކަމަށް ކުންފުނިން ބުނެ އެވެ.
ބިން ވިއްކުމުގެ ޓެކުހުގެ ގޮތުގައި 109,612.24 ރުފިޔާ މީރާއަށް ދައްކާފައިވެ އެވެ. 2013 ވަނަ އަހަރު ކޮންޓެކުން ހުށަހެޅި މައްސަލައިގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވިއްކުން ތަންފީޒުނުކުރީ، އާއިޝަތު އާނިޔާއާއި ދަރިންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައި ނެތުމުންނެވެ. ހައިކޯޓުން އެ މައްސަލަ އަލުން ބެލުމަށް ފޮނުވިއިރު، އާއިޝަތު އާނިޔާއަށް ކޯޓުގެ އަމުރު ރައްދުނުކުރެވިގެން ސިވިލް ކޯޓުން އެ މައްސަލަ ބާތިލުކުރިއެވެ. 2018 ވަނަ އަހަރު ކޮންޓެކުން ހުށަހެޅި އައު މައްސަލައިގައި ސިވިލް ކޯޓުން ނިންމީ، ގޯތި ވިއްކަން ބޭނުމެއް ނޫން ކަމަށް އާއިޝަތު އާނިޔާ ކޯޓުގައި ބުނުމުން ވިއްކުމުގެ އީޖާބާއި ގަބޫލު ފުރިހަމަވެފައި ނުވާ ކަމަށާއި، ކުންފުނިން ދެއްކި ފައިސާ ހޯދުމަށް ދައުވާކުރުމުގެ ހައްގު ކުންފުންޏަށް ލިބިގެންވާ ކަމަށެވެ. އެ ނިންމުން ހައިކޯޓުން ބަދަލުކުރީ 2019/HC-A/580 މައްސަލައިންނެވެ.
ސުޕްރީމް ކޯޓުގައި ކޮންޓެކުން ބުނީ ހައިކޯޓުން ހުކުމް ކޮށްފައިވަނީ ގާނޫނުގެ ހުދޫދުގެ ތެރެއިން ކަމަށާއި، އާއިޝަތު އާނިޔާގެ ދަރިންނަކީ 18 އަހަރު ފުރިފައިވާ މީހުން ކަމަށާއި، ގޯތި ވިއްކާލިޔަސް މައިންބަފައިންގެ ގޭގައި ދިރިއުޅެވޭނެ ކަމަށް އޭނާ ދަށު ކޯޓުގައި ބުނި ކަމަށެވެ. ކުންފުނިން ދެއްކި ފައިސާ އޭނާ ބޭނުން ނުކުރާ ކަމަށް ބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް ވެސް ކުންފުނިން ބުންޏެވެ. އަދި މައްސަލަ ކޯޓުގައި އޮއްވާ ގޯތީގެ ރަޖިސްޓްރީ ގެއްލިއްޖެ ކަމަށް ބުނެ އައު ރަޖިސްޓްރީއެއް ހެއްދުމަކީ ކޯޓުގެ އިޖުރާއަތު ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށްވެސް ކޮންޓެކުން ބުންޏެވެ. ނަމަވެސް، އެ ހުށަހެޅުން ސުޕްރީމް ކޯޓުން ނުބެލީ، އެކަމަށް ކަނޑައަޅާފައިވާ ފޯމުން މައްސަލަ ހުށަހަޅާފައި ނުވާތީއެވެ. އާއިޝަތު އާނިޔާގެ ފަރާތުން ބުނީ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ކުންފުނިން ހުށަހެޅި އިސްތިއުނާފީ ނުކުތާގެ ބޭރުން ކަމަށާއި، ދިރިއުޅޭނެ ތަނެއް ހުރިކަން ކަށަވަރުވެސް ކޮށްފައި ނެތް ކަމަށާއި، ކުންފުނިން ދެއްކި ފައިސާއިން އޭނާއަށް މަންފާއެއް ނުލިބޭ ކަމަށެވެ.
މައްސަލައިގެ ރައުޔު ލިޔުއްވި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ކަނޑައެޅުއްވީ، ހައިކޯޓަށް ކޮންޓެކުން ހުށަހެޅީ އީޖާބާއި ގަބޫލާ ގުޅޭ އެންމެ ނުކުތާއެއް ކަމަށާއި، ދަށު ކޯޓުން ނުބަލާ ބިމާބެހޭ ގާނޫނުގެ އިތުރު ޝަރުތުތައް ބަލައި ހައިކޯޓުން ނިޔާ ކަނޑައަޅާފައިވަނީ އިސްތިއުނާފީ ނުކުތާގެ ބޭރުން ކަމަށެވެ. އަލުން ބެލުމަށް ފޮނުވި ކަންކަމާމެދު ދަށު ކޯޓުން ގޮތެއް ނުނިންމަނީސް، އައު މައްސަލައެއްގައި އެ ކަންކަމާމެދު ހައިކޯޓުން ގޮތެއް ކަނޑައެޅުމަކީ ކޯޓުތަކުގެ ގާނޫނުގެ 46 ވަނަ މާއްދާއިން ހައިކޯޓަށް ލިބިދޭ ބާރެއް ނޫން ކަމަށްވެސް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.
ގޯތި ވިއްކާ މީހާއާއި އޭނާ ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ ތަނެއް ހަމަޖެހިފައި އޮތުމަކީ، ބިމާބެހޭ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަގީގަތުގައި އެފަދަ ތަނެއް ވުޖޫދުގައި ހުރުން ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ. ފަނޑިޔާރު ޙަމީދު ލިޔުއްވި ގޮތުގައި، "ގޯތި ވިއްކުމަށް އެދޭ މީހާއަށް އޭނާގެ މައިންބަފައިންގެ ގޭގައި ނުވަތަ އެ ނޫން ވެސް ތަނެއްގައި ދިރިއުޅެވޭނެ ކަމަށް އޭނާ ބުނާ ބުނުމަކުން ނުފުދޭނެއެވެ." އާއިޝަތު އާނިޔާގެ މައިންބަފައިންގެ ބަހެއް ހޯދާފައިވާކަމެއް ނުވަތަ އެކަން ދަށު ކޯޓުގައި ކަށަވަރުކޮށްފައިވާ ކަމެއް ނެތެވެ.
ނަމަވެސް، 18 އަހަރު ފުރިފައިވާ ދަރިންނާއި މައިންބަފައިންނަކީ އެ މާއްދާގެ ބޭނުމަށް ގޯތި ވިއްކާ މީހާ ބަލަންޖެހޭ މީހުން ނޫން ކަމަށް ހައިކޯޓުން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށް ބަލާނެ ހަމައެއް ސުޕްރީމް ކޯޓަށް ނުފެނެއެވެ. އެ މާއްދާގެ ބޭނުމަށް ބަލަންޖެހޭ މީހުން ކަނޑައަޅަންވާނީ މާއްދާގެ އިބާރާތުން ސާފުކޮށް ނެގެން އޮތް މާނައިން ކަމަށާއި، އެއަށްވުރެ ފުޅާ މާނައެއް ނަގަންވާނީ އެކަށީގެންވާ ސަބަބެއް އޮތްނަމަ ކަމަށް ކޯޓުން ބުންޏެވެ.
ވިއްކުން ކޯޓު މެދުވެރިކޮށް ހިންގިކަމަށް ބެލެވޭނީ، އެއީ ސައްހަ މުއާމަލާތެއް ކަމަށް ކަނޑައަޅާ ހުކުމެއް ނުވަތަ ނިންމުމެއް އޮތްނަމަ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. ބާތިލުކުރެވިފައިވާ މައްސަލަތަކުގައި ހުށަހެޅުނު ކަންކަމުގެ މައްޗަށް ބިނާކޮށް އިލްތިޒާމެއް ނުއުފެދޭ ކަމަށް ވެސް ކޯޓުން ބުނެ އެވެ. އަދި ބިން ވިއްކި އަގަކީ ހަގީގަތުގައި ކިހާވަރެއް ކަމާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށާއި ސަރުކާރަށް ދެއްކި ފައިސާގެ އިތުރަށް ކުންފުނިން އާއިޝަތު އާނިޔާއަށް ފައިސާ ދީފައިވާކަން ކަށަވަރުކޮށް ފެންނަން ނެތް ކަމަށްވެސް ކޯޓުން ފާހަގަކުރިއެވެ.
މި މައްސަލަ ބެލީ ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމްއެވެ. ފަނޑިޔާރު ޙަމީދުގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ތާއީދުކުރެއްވިއެވެ.

-01.jpg&w=3840&q=75)
