ޕީއެންސީގެ އިސްލާހުން ރައްޔިތުން އެދިއެދި ތިބި ބަދަލަށް މަތީ ކޯޓުގެ ތާއީދު
30 އޭޕްރީލު 2026 - 11:54

ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިޚާބުކުރެއްވި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ސިޔާސީ ޕާޓީ ބަދަލުކުރެއްވުން ހުއްޓުވޭ ގޮތަށް ގެނައި އިސްލާހު ދެމެހެއްޓެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ތާރީޚީ ނިންމުމަށް ވެރިކަން ކުރާ ޕާޓޯ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނުހަނު އިޚުލާޞްތެރިކަމާއެކު ވަނީ މަރުޙަބާ ކިޔާފައެވެ.
މި އިސްލާހަކީ 20 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ މެމްބަރުން ގެނެސްދެއްވި، ޒަމާނުއްސުރެ ރައްޔިތުން ލޮލާއި ބޮލުން އެދިއެދި ތިބި އިސްލާހެކެވެ. ޕީއެންސީން މި އިސްލާހް ގެނައުމުގެ ސާފު މަގުޞަދިުތައް ސުޕްރީމް ކޯޓުގެ ހުކުމުން ސަރީޙަކޮށް ސާބިތުވެއެވެ. އެ ކޯޓުން ކުރި ހުކުމުގައި ފާހަގަކކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ފާހަގަކުރެއްވި އެންމެ މުހިންމު އެއް ނުކުތާއަކީ، 'އެންޓި-ޑިފެކްޝަން' ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުސޫލަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރެޓިކް ގައުމުތަކުގައިވެސް ކާމިޔާބީއާއެކު ތަންފީޒުކުރެވެމުންދާ އުސޫލެއް ކަމެވެ. ދިވެހިރާއްޖެ ފަދަ ސިޔާސީ ޕާޓީތަކުގެ ނިޒާމުގެ މައްޗަށް ބިނާވެފައިވާ ގާނޫނުއަސާސީއަކަށް އަމަލުކުރަމުންދާ ގައުމުތަކުގައި މިފަދަ އުސޫލުތައް ބަލައިގަނެ، ގާނޫނުއަސާސީގައި އެކަންކަން ބަޔާންކޮށްފައި ހުރިކަން ސުޕްރީމް ކޯޓުގެ ޙުކުމުގައި ވަނީ ފާހަގަކޮށްފައެވެ. މިއީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް މިވަގުތު ނުހަނު ބޭނުންތެރި، އަދި ގާނޫނީ ގޮތުން ފުރިހަމަ ބަދަލެއްކަން މިވަނީ ކަށަވަރުވެފައެވެ.

Ad by Hajj Corporation
މީގެ އިތުރުން، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ އިސްތިގުރާރު ނަގަހައްޓައި، ސިޔާސީ ޕާޓީތަކުގެ ނިޒާމު އިތުރަށް ހަރުދަނާކޮށްދޭނެ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ވަނީ ސިފަކޮށްފައެވެ. މި އިސްލާހުގެ ސަބަބުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް އަސާސީ ޙައްގަކަށް އުނިކަމެއް ނާންނާނެކަން ކޯޓުން ސާފުކޮށްދީފައިވާއިރު، މިއީ މެންބަރުންގެ އިންތިޚާބީ މެންޑޭޓުގެ އަސްލަށް އުނިކަމެއް ނާންނާނެކަން ކަށަވަރުކޮށްދޭނެ ކަމެކެވެ. މެންބަރުން މަގާމުގައި ތިއްބަވާނެ ގޮތުގެ އޮނިގަނޑު ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންވެފައި އޮތުމަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ލިބުނު ބޮޑު ބާރެކެވެ.
ޕާޓީ ބަދަލުކުރުން މަނާކުރުމަކީ މެންބަރުންގެ ނަޒާހަތްތެރިކަން އިތުރުކޮށް، ރައްޔިތުންނަށް ޖަވާބުދާރީވުން އިތުރުކުރުމުގެ މަގުސަދުގައި ކުރެވުނު ކަމެކެވެ. ސަރުކާރުން ހުށަހަޅައި، ޕީއެންސީގެ އަޣުލަބިއްޔަތު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ފާސްކުރީ ރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި ކޮރަޕްޝަންގެ ފުރުސަތުތައް ނައްތާލައި، ގާނޫނު ހަދާ މަޖިލީހުގެ އިއްޒަތާއި ގަދަރު އުފުލުމުގެ ހެޔޮ ނިއަތުގައެވެ. މިއީ ގިނަ ޕާޓީ ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމަކަށް އަމަލުކުރަން ފެށިފަހުން ރާއްޖެއަށް ކުރިމަތިވި ސިޔާސީ ނޭދެވޭ އޮއިވަރުތަކުން ސަލާމަތްވުމަށް އެޅުނު މުހިންމު ބިންގަލެކެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމު އިސްލާހުކޮށް، ގައުމުގައި ހަމަޖެހުމާއި ތަރައްގީ ގާއިމުކުރުމެވެ. މި ޕާޓީގެ އަމާޒަކީ ރައްޔިތުންގެ އަސާސީ ޙައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދީ، ޑިމޮކްރަސީގެ ރިވެތި އުސޫލުތަކުގެ ތެރެއިން ދިވެހި ގައުމަށް އެންމެ ފައިދާހުރި ގޮތުގައި މަސައްކަތް ކުރުމެވެ. ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، ރައްޔިތުން އެދިއެދި ތިބި އިސްލާހީ ބަދަލުތަކަށް ވަނީ ގާނޫނީ ހިމާޔަތާއި ބާރު ލިބިފައެވެ.


