އެމްޑީޕީ ސަރުކާރުގައި ބާޣީންނާއި ޚާއިނުންނަށް އިއްޒަތާއި ޝަރަފް، ދިވެހިންނަށް ފުރައްސާރަ
9 ނޮވެމްބަރު 2026 - 04:54

ދިވެހި ގައުމުގެ ޚާއިނުންނާއި ބާޣީންނާ ގުޅޭ ވާހަކަތައް ހިއްސާކުރުމަށް، މިއީ އެންމެ މުނާސަބު ވަގުތުކަމުގައި ދެކެމެވެ. ދިވެހިންގެ މައްޗަށް އަތްގަދަކުރުމަށްޓަކައި، ދިވެހި ދައުލަތުގެ ވެރިކަން ބޭނުންވާ ބަޔަކު، މިކުޑަކުޑަ ގައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލަށް އަރައިގަތުމަށް އަބަދުވެސް ތިބެނީ އެދިއެދި އެވެ. ދިވެހި ތާރީހުން ފެނިގެންދަނީ ވެރިކަމުގެ ދަހިވެތިކަމުގައި، މަދު ދިވެހި ޚާއިނުންތަކެއްގެ ބައިވެރިވުމާއެކު، ދިވެހި ދައުލަތަށް ދިވެހި ގައުމަށް ދީފައިވާ އެތައް ފަހަރަކު ދީފައިވާ ބޮޑެތި ގެއްލުންތަކެވެ. ދިވެހިންގެ އަތުން ދިވެހިންގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު، އެކަމުގެ އަޑީގައި ދިވެހި ގައުމަށް ޣައްދާރުވި މަދު ދިވެހިންތަކެއް ޝާމިލްވެފައިވާކަން އެއީ ސާފުކޮށް ފެންނަން އޮތް ހަގީގަތެކެވެ.
މިއަދުގެ ޖީލަށް ފެންނަން އޮތް މިފަދަ އެންމެ ނުރައްކާތެރި ހާދިސާއަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހުގެ ބަޣާވާތެވެ. ދިވެހި ޚާއިނުންތަކެއް ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން، ވެރިރަށް މާލެއަށް އަރާ، ގައުމަށް ދިން ބޮޑު ގެއްލުމަކީ ދުވަހަކުވެސް، ދިވެހިންގެ ހަނދާނުން ފިލައިގެން ނުދާނެ ހާދިސާއެކެވެ. ދިވެހި ގައުމުގެ ވެރިކަމާ ތޮޅެ، ދިވެހިންގެ މައްޗަށް އަތްގަދަކުރަން އުޅުނު ޚާއިނުން ހުއްޓުވާ، ދިވެހިންނަށް ހަގީގީ ނަސްރު ހޯދައިދިނީ ދިވެހި ސިފައިންގެ ގައުމީ ލޯތްބާއި، މަތިވެރި ޖިހާދުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ތަމަޅަ ޓައިގަރުންނާއި، ދިވެހި ޚާއިނުންތަކެއް ހަތިޔާރާއެކު މާލެ އަރާ، ދިން އުދުވާނީ ހަމަލާތަކުގައި އެއްވެސް ރަހުމެއް، ހަމްދަރުދީއެއް ނެތި 19 ދިވެހިން ޝަހީދުކޮށްލާފައިވެ އެވެ. އެ ހާދިސާ ލޮލުން ދުށް މީހުން ދުނިޔޭގައި، އެ ހިތާމަތަކުގައި ތިއްބާ، އެ އަނިޔާވެރި އަމަލުގައި ބައިވެރިވި ހުރިހާ ޚާއިނުންނާއި، ބާޣީން މިހާރު ވަނީ ޖަލުން މިނިވަންވެ، މުޖުތަމައުގައި އިއްޒަތްތެރިކަމާއެކު ދިރިއުޅެން ފަށާފަ އެވެ.
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި އާއިލާތައް، އެ ހިތާމަތަކުގައި ވަނިކޮށް، ގ. ކެނެރީގެ މުހައްމަދު ނަޝީދުގެ އެމްޑީޕީ ވެރިކަމުގައި، ނޮވެމްބަރު ތިނެއްގެ ބާޣީންނަށް ދައުލަތުގެ އިސް މަގާމުތައް ދިނުމަކީ، ދިވެހިންނަށް ކުރި ފުރައްސާރައެކެވެ. އެއީ ޝަހީދުންގެ އާއިލާތަކަށް ނަޝީދުގެ ސަރުކާރުން ކުރި މަލާމާތެކެވެ. ނަޝީދަކީ ދިވެހި ގައުމަށް ކުޑަ ނަމަވެސް ލޯތްބެއް ކުލުނެއް ހުރި އިންސާނެއް ނަމަ އެފަދަ ހުތުރު ނިންމުމެއް ނިންމާނެތޯ ސުވާލު އުފެދެ އެވެ. ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ބާޣީ އަބްދުﷲ ލުތުފީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، ބޭސްފަރުވާ ކުރަން ކަމަށް ބުނެ، އޭނާ ލަންކާއަށް ގެންގޮސް ފިލަން އެހީތެރިވެދިނީވެސް ކެނެރީގެ ނަޝީދުގެ ސަރުކާރުންނެވެ.
ގިނަ އަހަރުތަކަކު ލަންކާގައި ފިލައިގެން އުޅުމަށްފަހު އެމްޑީޕީގެ ދެވަނަ ސަރުކާރުގައި، އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ލުތުފީ ވަނީ، ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަދެ، އެތަނުގައި ދިރިއުޅެން ފަށާފަ އެވެ. ސޯލިހްގެ ސަރުކާރުން އެކަން ސިއްރުކޮށްގެން ތިއްބާ، ސިޔާސީ ބަޔަކު އެ މައުލޫމާތު ހާމަކުރުމުން، ލުތުފީ އަނބުރާ ރާއްޖެ ގެނެސް، ޖަލުގައި ބަންދުކުރީ ސޯލިހްގެ ސަރުކާރަށް މަޖުބޫރުވެ، ގޮތްހުސްވުމުންނެވެ. ނަމަވެސް ސޯލިހްގެ ސަރުކާރު ނިމުމުގެ ކުރިން ލުތުފީ ވަނީ ޖަލުން އެއްކޮށް މިނިވަންވެފަ އެވެ.
އެމްޑީޕީގެ ދެ ސަރުކާރުގައިވެސް، ދިވެހި ދައުލަތުގެ ޚާއިނުންނާއި ބާޣީންނަށް، ދައުލަތުގެ މަގާމުތަކާއި ދައުލަތުގެ ޚާއްސަ އިމްތިޔާޒުތައް ހަމަޖައްސައިދިންއިރު، ނަޝީދާއި ސޯލިހަކީ އާއިލީ ގޮތުން ޚާއިނުންނާއި ބާޣީންނާއި މުޖުރިމުންނާ ގުޅިފައިވާ އާއިލާއެއްކަން ފާހަގަކުރަންޖެހެ އެވެ. ނަޝީދާއި ސޯލިހްގެ ވެރިކަމުގައި، ނަސްރުގެ ދުވަހަކީ އެންމެ ދަންފަންތީގެ ދުވަހެއްގެ ގޮތުގައި ހަމަޖައްސައި، ދިވެހި ގައުމުގެ ޝަހީދުންނަށް އިހްތިރާމު ކުޑަވާ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްފައިވެ އެވެ. އެއީ ގައުމެއްގެ ހަޔާތުގައި ލަދުވެތި، ހުތުރުކަން ބޮޑު ނިންމުންތަކެއް ކަމަށްވީ ނަމަވެސް، ބާޣީންނާއި ޚާއިނުންގެ އާއިލާތަކަށް ނިސްބަތްވާ ވެރިން ވަނީ އެ ހުތުރު ނިންމުންތައް ނިންމާފަ އެވެ.

-01.jpg&w=3840&q=75)
