logo
MPL

MPL

ރިޕޯޓް

ރައީސް ސޯލިހުގެ ހުސްއަނގަ ތެޅުމާއި، ގެއްލުނު 5 އަހަރު

އަޙުމަދު ރަމީޒު
6 އޮކްޓޯބަރު 2026 - 17:37
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް 2018 ވަނަ އަހަރު އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރީ ވަރަށް ބޮޑު އުއްމިދުތަކަކާއެކު އެވެ. ސޯލިހުގެ ވައުދުތަކަކީ އަދުލުވެރިކަމާއި، ހަމަހަމަކަމާއި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ދެފުށް ފެންނަ ވެރިކަމެއް ގާއިމުކުރުމެވެ. ނަމަވެސް ސޯލިހުގެ ފަސް އަހަރު ނިމުނުއިރު، ފެނިގެން ދިޔައީ މުޅިން އެއާ ހިލާފު މަންޒަރުތަކެކެވެ. ވެރިކަމުގެ ނިޒާމު ބަލިކަށިވެ ގައުމުގެ މިސްރާބު އޮތީ މުޅިން އޮޅިފަ އެވެ.

ސޯލިހުގެ ސަރުކާރުގައި ނެގި ބޮޑެތި ލޯނުތަކާއެކު ދައުލަތުގެ ޖުމްލަ ދަރަނި 120  ބިލިއަނަށްވުރެ މައްޗަށް ދިޔަ އެވެ. އަދި ގައުމު ދަރަނި ފުން އަނދަވަޅަކަށް ވައްޓާލި އެވެ. މީގެ އިތުރުން ޓެކްސް ބޮޑުކުރުމާ ގުޅިގެން މުދަލާއި ހިދުމަތްތަކުގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އަތްނުފޯރާ ފަށަށް ދިޔަ އެވެ. ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ހެދަކުރީ ލޯނުތަކުގެ އިންޓްރެސްޓް ދެއްކުމަށެވެ. އެކަމުގެ ސަބަބުން ދައުލަތުގެ ރިޒާވް ނުރައްކާތެރި މިންވަރަކަށް ދަށަށް ދިޔަ އެވެ. ސޯލިހުގެ ސަރުކާރުން ގިނަ  ލޯންތަކެއް ނަގައިގެން ހަރަދުކުރީވެސް ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭކާރު ސިޔާސީ ހަރަދުތައް ފޫބެއްދުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ސޯލިހުގެ ވެރިކަމުގައި ހަދާފައިވާ އެންމެ ބޮޑު ގޯހަކީ އެމްއެމްއޭ މެދުވެރިކޮށް އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ ޗާޕުކުރުމެވެ. އެކަމަކު ދައުލަތުގެ ހަރަދުތައް، ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި، ނަތީޖާއަކަށްވީ ދިވެހި ރުފިޔާގެ އަގު އިންތިހާއަށް ދަށަށް ދިއުމެވެ. އިންފްލޭޝަނާއެކު ކޮންމެ ދުވަހަކު މުދަލާއި ހިދުމަތްތަކުގެ އަގު އުފުލުނެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރުގެ ތެރެއިން ފެނިގެން ދިޔައީ ރައްޔިތުންގެ ސިއްހަތަށްވުރެ އަމިއްލަ މަންފާއަށް އިސްކަންދިން މިންވަރެެވެ. ބަލިމަޑުކަމުގެ ނިވާފަތްގަނޑުގައި ހިންގި ވެންޓިލޭޓަރުގެ ބޮޑު ހިޔާނާތަކީ މީގެ ދިރިހުރި މިސާލެކެވެ. ރައްޔިތުން ތިބީ ކަރަންޓީނުގައި. ވިޔަފާރިތައް ހުރީ ބަންދުކޮށްފަ އެވެ. މިފަދަ ވަގުތެއްގައި ހެލްތު މިނިސްޓްރީގެ ތެރެއިން އެތައް މިލިޔަން ރުފިޔާއެއް އެ ސަރުކާރުގެ އިސްވެރިންތަކެއް ވަނީ ދައުލަތުން ފޭރިގެންފަ އެވެ. ހިޔާނާތުގެ މިފަދަ އެތައް އަމަލަކާއި ސޯލިހުގެ ސަރުކާރުން ހެދި ގޯސްތަކުގެ ސަބަބުން އެތައް ވިޔަފާރިވެރިއެއް ބަނގުރޫޓްވެ އިގްތިސާދުގެ މައިބަދަ ބިންދައިގެންދިޔަ އެވެ.

ސޯލިހު ވެރިކަމަށް ވަޑައިގަތީ ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ޝަރުއީ ނިޒާމު ސިޔާސީ ނުފޫޒުން ސަލާމަތްކުރާނެކަމުގެ ވައުދާއެކު އެވެ. ނަމަވެސް، ސޯލިހުގެ ފަސް އަހަރު ފެނިގެންދިޔައީ އޭސީސީއާއި، އިލެކްޝަންސް ކޮމިޝަނާއި، އަދި ޝަރުއީ ކޯޓުތަކަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް ވަދެފައި އޮތް ތަނެވެ. އެގޮތަށް އަމަލުކުރީ އެ ސަރުކާރުގައި ސިޔާސީ ގޮތުން ވަކި ބަޔަކަށް ފައިދާ ހޯދައިދޭން ކަމަށް ޔަގީންކުރެވެ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި ހިންގާފައިވާ މަޝްރޫއުތަކުން އިގްތިސާދީ ފައިދާއެއް ނުލިބުނުއިރު ބޯހިޔާވަހިކަން ހައްލުކުރަން ފެށި މަޝްރޫއުތައް ނުނިމި، މާލޭ މީހުންނަށް ގޯތިވެސް  ދިނީ ފުންކަނޑުންނެވެ.

ސޯލިހު ހުވާ ކުރެއްވީ އަމާން ރާއްޖެއެއް ހޯދައިދޭށެވެ. ނަމަވެސް، ފެނިގެން ދިޔައީ ވެރިކަމުގެ ފަސް އަހަރު މުޖުތަމައުގެ އިޖުތިމާއީ ފޭރާން އެއްކޮށް ވީދި، ގައުމު ހަމައިން ނައްޓާލި ތަނެވެ. މަސްތުވާތަކެތީގެ ވަބާ ރަށްރަށުގައި އިންތިހާއަށް ފެތުރި ގޭންގު ކުށްތަކާއި މާރާމާރީތައް އިންތިހާއަށް މައްޗަށް ދިޔަ އެވެ. ކުށްވެރިންނަށް ފިޔަވަޅެއް ނޭޅުނުއިރު ސިޔާސީ ބޭނުންތަކަށާއި ވޯޓުގެ ދަހިވެތި ކަމުގައި ބޮޑެތި އެތައް މުޖުރިމުންނަކަށް މައާފްދީ މިނިވަންކުރި އެވެ. މީގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަން އިންތިހާއަށް އުފެދި އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަކީ ކޮންމެ ވެރިކަމެއްގެވެސް ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި ފާއިތުވި ފަސް އަހަރު ސިއްހީ ދާއިރާއިންނާއި ތައުލީމީ ދާއިރާއިން ފެނުނީ އިހުމާލުވީ މަންޒަރެވެ. އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތައް ތަރައްގީކުރުމުގެ ވައުދު ފުރހިމަ ނުކޮށްދެވުމުގެ ނަތީޖާއަކަށްވީ ކުދިކުދި ބަލިތަކަށްވެސް ބޭސްފަރުވާކުރަން މާލެ އަންނަން ޖެހުމެވެ. ސިޔާސީ މަގާމުތަކަށް ކުރި ހޭދަ ބޮޑުވުމަކީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސޯލިހުގެ ސަރުކާރުގެ އިހުލާސްތެރި ނިޔަތެއް ނެތްކަން ހާމަކޮށްދިން ކަމެކެވެ.

ސޯލިހުގެ ވެރިކަމުގައި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ގޮންޖެހުންތަކަކީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. އަވަށްޓެރި ގައުމަކަށް މާބޮޑަށް އިސްކަން ދިނުމުގެ ސަބަބުން ހާރިޖީ ގުޅުން އޮތީ ވަކި އަތަކަށް ބުރަވެ އަގަވަތަށް ވެއްޓޭ ހިސާބުގައެވެ. ދާހިލީ ނިންމުންތައް ނިންމުމުގެ ތެރެއަށް ބޭރުގެ ނުފޫޒު ފިސާރި ރަނގަޅަށް ވަދެ، ސޯލިހްގެ ސަރުކާރު އޮތީ ކަސްތޮޅެއްގައި ތާށިވެފައެވެ. ވެރިކަމުން ފައިބައިގެން ދިޔައީ ދިވެހިން ކައިރީ ހޭވެސް އަހާ ނުލައި ރާއްޖޭގެ ދެކުނުން ކަނޑުގެ ބޮޑު ބައެއް އެހެން ގައުމަކަށް ހިބަކޮށްދީފައެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތީ ދެފުށް ފެންނަ ވެރިކަމެއްގެ ވައުދާއެކު އެވެ. އެހެންނަމަވެސް ސޯލިހުގެ ވެރިކަމުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ ގޮތުން ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ވަނީ މަޖުބޫރުކޮށްފައެވެ. މިއީ މިނިވަން ނޫސްވެރިކަން ފުނޑާލުމެވެ. މީގެ އިތުރުން ސަރުކާރަށް ފާޑުކިޔާ ނޫސްތަކަށް މައުލޫމާތު ނުދީ،  ސަރުކާރު ކުންފުނިތަކުގައި ހިޔާނަތް ހިންގަން ފުރުސަތު ދެއްވި އެވެ. އެހެންކަމުން ރައީސް ސޯލިހްގެ ވެރިކަމަކީ ހުސްއަނގަ ތަޅައި، ގައުމު ނާމާންކަމުގެ ތެރެއަށް ދޫކޮށްލި ބޭކާރު ފަސް އަހަރެވެ. ދައުލަތުން އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ އިސްރާފުވި ފަސް އަހަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ސޯލިހުގެ ހުސްއަނގަ ތެޅުމާއި، ގެއްލުނު 5 އަހަރުރިޕޯޓް | ގަޑިއިރެއް ކުރިންސިޔާސީ ބޭނުމަށް އެސްއޯއީސްތަކަށް ވަޒީފާތައް އިތުރުކޮށް މީހުންވެއްދީ ސޯލިހް: ތޯރިގްޚަބަރު | 2 މަސް ކުރިން"އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި" ތިބި ގައުމިއްޔަތާއި ދީނާ ދުރު ފެއިލިއަރުންގެ ފުށުން ހެވެއް ނުލިބޭނެރިޕޯޓް | 5 މަސް ކުރިންލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް އުވާލާނެކަމަށް ކުރީގެ ރައީސް ސާލިހް ވިދާޅުވެއްޖެ ޚަބަރު | އަހަރެއް ކުރިން