ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސް
15 އޮކްޓޯބަރު 2026 - 05:15

އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އަމިއްލަ ފަސްގަނޑުގައި ކާބޯތަކެތި އުފެއްދުމަކީ ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދަނޑުވެރިންގެ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރިކަން ގައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިގުތިސާދު ސިންދަފާތު ކުރުމަށްޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ އަގުހުރި ދައުރު ހަނދާންކޮށްދޭ މުނާސަބަތެއް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސްގެ ޕޯސްޓުގައި ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވުމަކީ ގައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ އާ ފުރުސަތުތައް ފަހިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ، އެކަށައެޅިފައިވާ ބާވަތްތައް، އިމްޕޯޓްކުރުމާނުލައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި، ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުން ކަމަށެވެ. އަދި މި ރޮނގުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގު ކޮށާދިނުމުގެ މުހިންމު މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އެމަނިކުފާނުގެ އަޒުމެއް ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނޑުވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދަނޑުވެރިންނަށާއި، އެ ފަރާތްތަކުގެ އާއިލާތަކުގެ އިތުރުން މި ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ދަންނަވާފައެވެ.

-01.jpg&w=3840&q=75)
