ޑިސެންބަރު ފަހުކޮޅު ޝަންގްރިއްލާ ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
24 އޮކްޓޯބަރު 2025 - 09:30

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރިތާ ފަސް އަހަރު ފަހުން، އައްޑޫގެ އެންމެ ފުރަތަމަ ރިސޯޓުކަމަށްވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު މި އަހަރު ޑިސެމްބަރުމަހު ހުޅުވަން ސަރުކާރުން ނިންމާފައިވާއިރު ޝަންގްރިއްލާ އަލުން ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވަނީ ޝަންގްރިއްލާ ގުރޫޕުގެ އިންވެސްޓްމެންޓް އެންޑް އެސެޓް މެނޭޖްމެންޓްގެ ވެރިޔާ ކްރިސް ފޮންގް އަދި ޝަންގްރިއްލާ ވިލިނގިލީ ރިސޯޓުގެ ޖެނެރަލް މެނޭޖަރާ ހަރުވޭ ޑުބޮކްސްއާ ބައްދަލުކުރައްވާފައިވާކަން ހާމަކުރައްވާފައެވެ. މި ބައްދަލުވުމުގައި ޑިސެންބަރު 25 އަށް ރިސޯޓް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation
ޝަންގްރި-ލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަލުން އޮޕަރޭޝަނަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ.
ޝަންގްރި-ލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާއަކީ 2009 ވަނަ އަހަރު އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ތަރައްޤީކޮށް ހިންގުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރިސޯޓެކެވެ. މިގޮތުން މި ރިސޯޓް ބަންދުކުރުމުގެ ކުރިން 500 އަށް ވުރެ ގިނަ މުވައްޒަފުން ރިސޯޓުގައި ވަޒީފާ އަދާކުރިއެވެ. މި ރިސޯޓުގެ ޚިދުމަތްތައް ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތުމުން، އެކަމާ ގުޅޭގޮތުން އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި އަދި އެހެނިހެން ކަމާގުޅޭ ފަރާތްތަކާއެކު ސަރުކާރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ވަނީ މި އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހުގެ ކުރިން ރިސޯޓުގެ ހިންގުން އަލުން ފަށައި، ރިސޯޓު ހުޅުވާލުމަށް ވުޒާރާއާއެކު އެއްބަސްވެފައެވެ.
މި ރިސޯޓަކީ އައްޑޫ ސިޓީގެ އިޤްތިޞާދުގެ މުހިންމު ތަނބެއްގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން ދެމިއޮތް ފަތުރުވެރިކަމުގެ މުހިއްމު މަންޒިލެކެވެ. ރިސޯޓު ހުޅުވުނު ފަހުން ވަގުތީގޮތުން ހުއްޓާލެވުނު ދުވަހާ ހަމައަށް، ޝަންގްރި-ލާ ވިލިނގިލިން ވަނީ އައްޑޫ ސިޓީގެ ތަރައްޤީއަށާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކަނެކްޝަންތައް އިތުރުކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ޝަންގްރި-ލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ އިޤްތިޞާދަށް އާރޯކަމެއް ގެނެސްދޭނެ ކަމެއްކަމަށާއި މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ މަންފާ ޤައުމުގެ އިޤްތިޞާދަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެއްކަމަށް ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ މަންފާ ޤައުމުގެ ހުރިހާ ސަރަޙައްދަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ އިތުރު ކުރިއެރުމަކަށް މިކަން ވެގެންދާނެކަމަށްވެސް ވުޒާރާއިން ބުނެއެވެ.


