ރައީސް ގެނެސްދެއްވާ ތަރައްގީއަށް ވަގުތު ދޭންޖެހޭ، އެކަމަށް ހުރަސް އަޅާނެ ޖާގައެއްނެތް: މެމްބަރު ޝާމިން
27 އޮކްޓޯބަރު 2025 - 15:09
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ވަގުތު ދޭންޖެހޭކަމަށާއި، އެކަމަށް ހުރަސް އަޅާނެ ޖާގައެއްނެތްކަމަށް ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރު ޝާމިން މިފަދައިން ވިދާޅުވީ، ރައީސް މުޢިއްޒު މިހާރު ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުގައި ރައީސް މިއަދު ކުރެންދޫއަށް ކުރެއްވި ޒިޔާރަތުގައި، ކުރެންދޫ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ބައިވެރިވެ ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
"އަޅުގަނޑުމެން ބޭނުން ވަނީ ތަރައްގީ، ބައިބައިވުމަށްވުރެ އެއްކޮށް ތިބެގެން ލިބޭ ތަރައްގީ.، ރައްޔިތުން ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާ ހޮވަނީ އެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ އާއި ހަވާލުކުރަނީ. ދެ އަހަރުން ކަމެއް ނުވާކަމަށް ބުނުމެއްނޫން،" މެންބަރު ޝާމިން ވިދާޅުވިއެވެ.
ޝާމިން ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ރިޔާސީ އިންތިޚާބު ކައިރިވުމާއެކު މަޝްރޫޢުތައް ފަށާކަމަށާއި، އެ ބުރަ އުފުލަންޖެހެނީ ދެން އަންނަ ސަރުކާރަކުންނެވެ. ނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ތިން އަހަރު ބާކީ އޮއްވައި އެތަކެއް މަޝްރޫޢުތަކެއް ފައްޓަވައިދެއްވާފައިވާކަން ޝާމިން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މި މަޝްރޫޢުތައް ވަރަށް ފުރިހަމައަށް ނިމިގެންދާނެކަމަށް. ވަގުތު އެބައޮތް. މިކަމަށް އެއްޗެކޭ ބުނާނެ ޖާގައެއްނެތް. ރައީސުލްޖުމްހޫރިއްޔާ އަށް ދޭންޖެހޭ ވަގުތު އަޅުގަނޑުމެން ދޭންޖެހޭ، އެކަމަށް ހުރަސް އަޅާނެ ޖާގައެއްނެތް،" ޝާމިން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް އިޝާރާތްކުރަށްވައި ޝާމިން ވިދާޅުވީ، ކަމެއްނުވާކަމަށް ވާހަކަތައް ދައްކަން އަދި މާ އަވަސްކަމަށާއި، ކަމެއް ނުވާނެކަމަށް ވާނީ ފަހު ހައެއްކަ މަހަށް ވާއިރު ކަމެއްނުވެ އޮތްނަމަ ކަމަށެވެ.
ދައުރު ނިމުމުގެ ކުރިން ސަރުކާރުން ފަށާ މަސައްކަތްތައް ނިންމައި ރައްޔިތުން އެކަންކަމުން ޚިދުމަތް ހޯދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ދާއިރާގެ ރައްޔިތުން އެއްބާރުލުން ދެއްވުމަށް ޝާމިން އެދިވަޑައިގެންނެވިއެވެ.
''އިރާދަކުރެއްވިއްޔާ އޭގެ ކުރިންއަޅުގަނޑުމެން މިފަށާ މަސައްކަތްތައް ނިންމައި ރައްޔިތުން އެކަންކަމުން ޚިދުމަތް ހޯދާނެ، އެހެންކަމުން އަޅުގަނޑު އެދެނީ ދާއިރާގެ ރައްޔިތުންއެއްބާރުލުން ދެއްވުން،'' ޝާމިން ވިދާޅުވިއެވެ.
މެންބަރު ޝާމިން އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޚިޔާނާތާއި ވައްކަން ބައްލަވައި ފިޔަވަޅު އަޅުއްވާނެކަމަށެވެ. މިގޮތުން، މިހާތަނަށް ފާހަގަކުރެވޭ އެންމެ ބޮޑު އެއްކަމަކީ ކުރީގެ ސަރުކާރުން އިންތިހާއަށް ކޮށްފައިވާ ވައްކަންތައް ބައްލަވައި ފިޔަވަޅު އަޅުއްވަމުން ގެންދެވުންކަން ޝާމިން ފާހަގަކުރެއްވިއެވެ.


