ނައިފަރަށް ވަޑައިގެން، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު ރައީސް އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވައިފި
27 އޮކްޓޯބަރު 2025 - 15:48

ފާދިއްޕޮޅު ނައިފަރަށް ވަޑައިގެން، ޙާއްސަ އެހީއަށް ބޭނުންވާ ކުދިންތަކަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވައިފިއެވެ.
އެކުދިންނާއެކު ރައީސް ވަގުތު ހޭދަކުރެއްވީ، ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ނައިފަރަށް މިއަދު ހަވީރު ވަޑައިގެން އެ ރަށުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާގެ ޚިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނަ ބްލިސް ކެއަރ ކްލިނިކަށް ޒިޔާރަތްކުރައްވައެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެ ކްލިނިކުގައި ދެމުންގެންދާ ފަރުވާގެ ތަފްސީލް މަޢުލޫމާތު ހޯއްދެވިއެވެ. އަދި އަމިއްލަ ފަރާތަކުން މިހާ މުހިންމު މަސައްކަތެއް ކުރައްވަމުންގެންދަވާތީ އެކަން ފާހަގަކުރައްވައި އެ ތަނުގެ އިސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރުދެއްވިއެވެ. މި ކްލިނިކުގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރަލް ތެރަޕީ އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ގެ ޚިދުމަތް ދެމުންގެންދެއެވެ.

ބްލިސް ކެއަރ ފައުންޑޭޝަންގެ ދަށުން ހިންގާ، މި ކްލިނިކް ހުޅުވީ 2024 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. މި ކްލިނިކްގައި 100 އަށް ވުރެ ގިނަ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ރަޖިސްޓްރީކޮށްފައިވާއިރު، ޖުމުލަ 16 ތެރަޕިސްޓުން ފަރުވާދިނުމުގައި ހަރަކާތްތެރިވެއެވެ. ނައިފަރުގައި ހުންނަ މި ކްލިނިކުން ޅ އަތޮޅުގެ އިތުރުން ނ އަތޮޅުން ވެސް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ފަރުވާ ހޯދަން އަންނަ ކަމަށް ބްލިސް ކެއަރ ފައުންޑޭޝަނުން މައުލޫމާތުދެއެވެ.
ކްލިނިކް ހިންގާ ފައުންޑޭޝަނުން ވިދާޅުވީ، އެތަނުގައި ފަރުވާ ހޯދާ ހުރިހާ ކުދިންނަކީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ލިބޭ އެލަވަންސް ލިބޭ ކުދިންކަމަށެވެ. އެހެން ކަމުން ސަރުކާރުން އެކުދިންނަށް ދޭ އެހީތެރިކަން ކްލިނިކުން ވަނީ ފާހަގަކުރައްވާފައެވެ.


