އަހުންގެ ރަށު، އަފޭންގެ ރަށު، އަހަންނަގެ ރަޓު، އަފުންގެ ރަށި، ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ޚިދުމަތް ލިބޭނެ
29 އޮކްޓޯބަރު 2025 - 07:01

މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށި ގައުމީ ބޮޑު ކެމްޕެއިންގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤައުމީ ބޭންކް، ބީއެމްގެ އޭޓީއެމް ޚިދުމަތް ގާއިމްކޮށް ނިންމާލައިފިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެފަހުން އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފައި ވަނީ އައްޑޫ ހުޅުދޫ އަދި މަރަދޫގައެވެ. މަޝްރޫއުގެ ދަށުން ފުރަތަމަ އޭޓީއެމް ގާއިމުކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ.

Ad by Hajj Corporation
މިކަން ހާސިލްވިކަން ހާމަކޮށްފައި ވަނީ، މި މަޝްރޫއުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު ވަރަށްވެސް ކުރު މުއްދަތެއްގައި ނިންމުމަށް ބޭންކުގެ ޓީމުން ކުރި ހާއްސަ މަސައްކަތް ފާހަގަކޮށް އެ ޓީމަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. މި މަޝްރޫއު ހިންގި ޓީމް ލީޑުކޮށްފައިވަނީ ބޭންކުގެ ޑިރެކްޓަރ އޮފް އެގްޒެކެޓިވް އެފެއާޒް، ޕްރޮޕަޓީޒް އެންޑް އެޑްމިނިސްޓްރޭޝަން، ޙަސަން ޝާމްއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި، މި މަޝްރޫޢު ފެށުމުގެ ކުރިން، 2000 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ދެމެދު ރާއްޖޭގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފައި ވަނީ ޖުމްލަ 82 ރަށުގައެވެ. އެހެންނަމަވެސް، މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫޢުގެ ދަށުން ކުރި ކާމިޔާބު މަސައްކަތުގެ ދަށުން، އެންމެ 9 މަސް ދުވަހުގެ ތެރޭގައި، 20 އަތޮޅެއްގެ 105 ރަށުގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ޚިދުމަތް މިވަނީ ފަށާފައެވެ.
187 ރަށުގައި މި ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ފަށާފައި ވާއިރު، މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫޢަކީ، މާލީ ބައިވެރިވުން މުޅިން އެހެން ހަރުފަތަކަށް ގެންދިޔަ މަޝްރޫއެކެވެ. މާލީ ދާއިރާގެ ޚިދުމަތްތައް ވަޒަންކުރާ ބައިނަލްއަގްވާމީ އިދާރާއެއް ކަމަށްވާ، ކޯރަސް އިން ވަނީ، މާލީ ޚިދުމަތްތައް ހުރިހާ އެންމެންނަށް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމުގެ އަގުވަޒަންކޮށް، އެއްވެސް މީހަކު ބާކީނުވާނެކަން ކަށަވަރުކުރުމަށް ބޭންކުން ކުރާ މަސައްކަތާއި އެކަމުގެ ހެޔޮ ބަދަލު ފާހަގަކޮށް، އައުޓްސްޓޭންޑިންގް އެޗީވްމަންޓް އޮފް ދަ އިޔަރ އިން ފައިނޭންޝަލް އިންކްލޫޝަން އެވޯޑު ބީއެމްއެލް އަށް ދީފައެވެ.
ކޯރަސް އިން ބުނީ، ބޭންކް އޮފް މޯލްޑިވްސްއަށް ދިމާވެފައިވާ ގޮންޖެހުމަކީ، އެހެން އެއްވެސް ބަޔަކާ އެއްގޮތް ގޮންޖެހުމެއް ނޫން ކަމަށާއި އެއީ، 100 އެތައް ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް އަސާސީ ބޭންކިންގެ ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެ ޗެލެންޗް ކަމަށެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މަޝްރޫޢު ފެށުމުގެ ކުރިން، އޭޓީއެމްގެ ޚިދުމަތް ނުވަތަ އެންމެ އަސާސީ ބޭންކިން ޚިދުމަތްތައް ހޯދުމަށް 100 އަށްވުރެ ގިނަ ރަށުގެ ރައްޔިތުން ދާން ޖެހުނީ ކަނޑު ހުރަސްކޮށް، ކައިރި އެހެން ރަށަކަށެވެ. އެހެންނަމަވެސް، މިހާެރު އެއީ މާޒީއެވެ.
މި ޚިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ، އޭޓީއެމްގެ ޚިދުމަތް ދޭން ފެށިތާ 25 އަހަރު ވެގެންދިޔައިރު، މާލެ ހިމަނައިގެން މީހުން ދިރިއުޅޭ 82 ރަށް ފިޔަވައި އެހެން ރަށްތަކުގައި މި ޚިދުމަތް ގާއިމްވެފައި ނެތުމުން، އެ ރައްޔިތުންނަށް އަސާސީ ބޭންކިން ޚިދުމަތްތައް ހޯދުމަށް ތަކުލީފަކަށް ވެފައިވާކަން ފާޙަގަކުރައްވާފައެވެ. އެހެންކަމުން އެ ހާލަތު ބަދަލުކުރުމަށް، މިދިޔަ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢު ފައްޓަވައި، ވީހާވެސް އަވަހަކަށް ނިންމާ ދިނުމަށް އެދިލެއްވުމުން، ކުރިން އެއަށްވުރެ މަދު ރަށްތަކުގައި އޭޓީއެމް ބެހެއްޓުމަށް ކަނޑައަޅާފައިވާ ބަޖެޓުން، އޭޓީއެމްގެ ޚިދުމަތްތައް ލިބިފައި ނެތް 105 ރަށުގައި އެ ޚިދުމަތް ދޭން ނިންމެވި ކަމަށް އަދި އެކަން ކުރިކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އަދި މި މަޝްރޫއު ނިންމާލެވިފައި މިވަނީ ޚަރަދު ކުޑަކޮށް، ކުރިން 7 އޭޓީއެމް ބެހެއްޓޭ އަގުގައި 10 އޭޓީއެމް ބަހައްޓައިގެންކަން، 33 އިންސައްތަ އަގުހެޔޮކޮށް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރާއިރު އެއީ ވަރަށް އާދައިގެ މާ ބޮޑު ބޭނުމެއް ނެތް, މުހިންމުކަން ކުޑަ ކަމެއް ކަމަށް ދެއްކުމަށް އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެހެންނަމަވެސް، މިފަދަ "ކުޑަ" ޚިދުމަތެއް ހޯދަން ރައްޔިތުން އުފުލަންޖެހޭ ތަކުލީފަށް ނިމުމެއް ގެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅާއި ތަސައްވުރަށް ބަދަލެއް ނުގެންނަވާނެ ކަމަށާއި، ރައްޔިތުންނާ ގުޅުންހުރި، ރައްޔިތުންނަށް ލުއިފަސޭހަކަން ގެނެސްދޭނެ ހުރިހާ ކަމެއްވެސް، އެންމެ ފުރިހަމައަށް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން މަތީ އެމަނިކުފާނު ހުންނެވީ ސާބިތުކަމާ އެކުއެވެ.


