އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި
3 ނޮވެމްބަރު 2025 - 20:37

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައިފިއެވެ. މި ނިންމެވުމަކީ، އެ ދެ ރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގުނު ވޯޓުގެ ނަތީޖާއަށް ރިއާޔަތްކުރައްވައި، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.
މި ޤަރާރު އިޞްލާޙުކުރެއްވުމުގެ އަސާސަކީ، 2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު ނެގުނު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެވެ. މި ވޯޓުގައި، އައްޑުއަތޮޅު ހުޅުދޫގެ ރައްޔިތުން ވަނީ ހުޅުދޫއަށް ޚާއްޞަކޮށްގެން އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި ނިންމާފައެވެ. ހަމަ އެފަދައިން، އައްޑުއަތޮޅު މީދޫގެ ރައްޔިތުން ވެސް ވަނީ މީދޫއަށް ޚާއްޞަކޮށްގެން އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެންނަކަމުގައި ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިވަނީ ރައްޔިތުންގެ މި ނިންމުމަށް އިޙްތިރާމްކުރައްވައި، އެ ނިންމުމާ އެއްގޮތަށް ޢަމަލުކުރެއްވުމަށްޓަކައި ޤަރާރަށް ބަދަލު ގެނެސްދެއްވާފައެވެ.

Ad by Hajj Corporation
މިއަދު ޝާއިޢުކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ ކަމުގައި ބަޔާންކުރައްވާފައިވެއެވެ. ކުރިން "އައްޑޫ" ގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިން ކަނޑައަޅުއްވާފައެވެ.
މި އިޞްލާޙާއެކު، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 ގެ ޖަދުވަލެއްގެ ގޮތުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް އިތުރުކުރެވިފައެވެ. މި އިޞްލާޙުގެ ސަބަބުން، އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް އަންނާނެއެވެ. މި ބަދަލުތައް ގެނައުމަށްޓަކައި، ޤަރާރުގެ ޖަދުވަލު ވަނީ އަދާހަމަ ކުރައްވާފައެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނެ ތާރީޚެއް ކަނޑައަޅުއްވާފައިވަނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ. މިއީ ހުޅުދޫ އާއި މީދޫގެ ރައްޔިތުންނަށް ވަކި އިދާރީ ދާއިރާއެއްގެ ގޮތުގައި ޚާއްޞަ ކައުންސިލެއް އިންތިޚާބުކުރުމުގެ ފުރުސަތު ހުޅުވާލާނެ ނިންމުމެކެވެ.


