355 ކިލޯ މަސްތުވާތަކެތި ބަރުކުރީ ރާއްޖެ ސަރަހައްދަކުން ނޫން: ފުލުހުން
4 ނޮވެމްބަރު 2025 - 06:17

ލަންކާގެ ބޯޓަކަށް 355 ކިލޯ މަސްތުވާތަކެތި ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކުން ނޫންކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
355 ކިލޯގެ ސްތުވާތަކެތީގެ ޝިޕްމަންޓެއް ބަރުކޮށްގެން ސްރީލަންކާއަށް ދިޔަ "ސިދޭވީ" ނަމަކަށް ކިޔާ މަސްބޯޓެއް އެ ގައުމުގެ ހުޅަނގު އައްސޭރިފަށުން އަތުލައިގަނެ ޑިކޮވިޓާ ބަނދަރަށް ގެންދިޔަ ހަބަތުތައް ފެންމަތިވެފައިވާއިރު މިކަމާ ގުޅިގެން ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މި ބޯޓަށް މަސްތުވާތަކެތި ބަރުކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުންނެވެ.

Ad by Hajj Corporation
ނަމަވެސް ލަންކާގެ ބޯޓަކަށް 355 ކިލޯ މަސްތުވާތަކެތި ބަރުކުރީ ރާއްޖެ ސަރަހައްދުންކަމަށް ބުނާ ޚަބަރު ދިވެހި ފުލުހުން ވަނީ ދޮގުކޮށްފައެވެ.
ފުލުހުން ބުނީ ޝްރީލަންކާގެ ރަސްމީ އިދާރާތަކުން ވަނީ، 355 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ފުލުހުންނަށް ކަށަވަރުކޮށްދީފައިކަމަށެވެ.
އެ ބޯޓުން 355 ކިލޯ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު އެއީ 251 ކިލޯ 18 ގްރާމްގެ ކްރިސްޓަލް މެތާއި 85 ކިލޯ ހެރޮއިން ކަމަށް ލަންކާ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
މައްސަލައާ ގުޅިގެން އެ ބޯޓު އަތުލައިގަތްއިރު ބޯޓުގައި ތިބި 6 މީހަކު ހައްޔަރުކޮށްފައިވާއިރު މި މައްސަލަ ލަންކާ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.


