ޑްރަގް ބޭނުންކުރަން ތިއްބާ ރަސްގެތީމުން ނުވަ މީހަކު ހައްޔަރުކޮށްފި
3 ނޮވެމްބަރު 2025 - 07:41

ރ. ރަސްގެތީމުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ބޭނުންކުރަން ތިބި ނުވަ މީހަކު ހައްޔަރުކޮށް، މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Ad by Hajj Corporation
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނަކީ ރ. ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެކެވެ.
ޑްރަގް ބޭނުންކުރަން ތިއްބާ ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ފަސް މީހަކު، ފޮޓޯ: ފުލުހުން
މަސްތުވާތަކެތި ބޭނުންކުރަން ތިބި މި ނުވަ މީހުން ހައްޔަރުކުރުމަށްފަހު އެ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެއްޗާއި 43,500 އަށް ވުރެ ގިނަ ރުފިޔާ ވެސް ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ ރ. ހުޅުދުއްފާރު، ރަސްގެތީމު، ޅ. ނައިފަރު އަދި ހދ. ކުޅުދުއްފުށީގެ ފަރާތްތަކެކެވެ. އެއީ އަޙްމަދު ނިހާން (23އ)، އިބްރާހީމް ރިޝާމް (36އ)، އާދަމް ނަސީމް (30އ)، އަމީނާ މުޙައްމަދު (32އ)، އައްޔޫބު އާދަމް (33އ)، ފަރީޙާ ބިންތި ޢަލީ ވަޙީދު (21އ)، އިބްރާހީމް ޢާދިލް (38އ)، އަޙްމަދު ވިޝާމް (41އ) އަދި ޙުސައިން ސަރްޙާން (30އ) އެވެ.
ޑްރަގް ބޭނުންކުރަން ތިއްބާ ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ހަތަރު މީހަކު، ފޮޓޯ: ފުލުހުން
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހަކު 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެއީ އަޙްމަދު ނިހާން، އިބްރާހީމް ޢާދިލް، އާދަމް ނަސީމް އަދި އިބްރާހީމް ރިޝާމްއެވެ. އަނެއް ފަސް މީހުން ކަމަށްވާ އަމީނާ މުޙައްމަދު، އައްޔޫބު އާދަމް، ފަރީޙާ ބިންތި ޢަލީ ވަޙީދު، އަޙްމަދު ވިޝާމް އަދި ޙުސައިން ސަރްޙާން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


