ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހާލު ސީރިޔަސްވި ދިވެހި ޒުވާނާ ނިޔާވެއްޖެ
3 ނޮވެމްބަރު 2025 - 04:01
.jpeg&w=3840&q=75)
މާލޭގެ އެމްޕީއެލް ސަރަހައްދާ ދިމާ ބޭރުގައި ލޭންޑިން ކްރާފްޓެއް ބަނޑުން ޖަހާލި ހާދިސާގައި ހާލު ސީރިއަސްވި ދިވެހި ޒުވާނާ ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ ގއ. ގެމަނަފުށި، ދިލްބަހާރުގޭ، އުމުރުން 25 އަހަރުގެ އަލީ އަފްލާހް އެވެ.

Ad by Hajj Corporation
އަފްލާހްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރުފަހަށް އާ ސަހަރާ މިސްކިތުގައި ތައާވަލުކޮށްފައިވާއިރު ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޢާއިލާއިން އެދެއެވެ.
މި ހާދިސާގައި ޖުމްލަ ހަ މީހަކަށް އިއްޔެއިންފެށިގެން ފަރުވާ ދެމުން އަންނައިރު، މީގެ ތެރެއިން ބަންގްލަދޭޝްގެ ރައްޔިތަކުވެސް ވަނީ ނިޔާވެފައެވެ. ނިޔާވެފައިވާ ބިދޭސީއަކީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މަސްއުދު ހޮސައިން އެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އިއްޔެ މެންދުރު ފަހު 15:44 ހާއިރުއެވެ.
ހާދިސާ ހިނގިއިރު ކޮޅުވެއްޓީގައި ޖުމްލަ 14 މީހުން ތިބިކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވެއެވެ. އެ އެންމެން ވެސް ވަނީ ފެނިފައިކަމަށާއި އަދި ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.


