ޑޮލަރު ފޭރުނު މައްސަލަ: ހައްޔަރުކުރި ހަތަރު މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
2 ނޮވެމްބަރު 2025 - 18:43

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން އާދީއްތަ ދުވަހުގެ ރޭ ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އާދީއްތަ ދުވަހު ކޯޓަށް ގެންދިޔުމުން ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation
މި ހާދިސާ ހިންގާފައިވަނީ 27 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ފަތިހު ވީއައިއޭ ޓާމިނަލް 1 އަށް ދާ ވޯކްވޭގައެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި ހަތަރު މީހުންނަކީ، ލ.މާވަށް، ރޭޝަމް / މާޒިން މޫސާ (25އ)، މާލެ، މ. ކޯރަސް / އަޙްމަދު ރައިހާން ނަޢީމް (20އ)، ކ.ގުރައިދޫ، އަޅިވިލާގެ / އިބްރާހީމް އަނޫފް (24އ) އަދި ކ.ގުރައިދޫ، އަޅިވިލާގެ / ޙުސައިން ޝަހުދު (30އ) އެވެ.
މި މައްސަލައާ ގުޅޭ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 27 އޮކްޓޯބަރު ރޭ ފަތިހު 4:45 ގައެވެ. ފުލުހުން ބުނިގޮތުގައި ފޭރިގެންފައި ވަނީ ވީއައިއޭގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބެންކެއްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭހެކެވެ. އެނގިފައިވާގޮތުގައި އެއީ ބީއެމްއެލްގެ ދެ މުވައްޒަފެކެވެ. މި ސޫޓް ކޭސް ފޭރިގެންފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ. އަދި އެމީހުން ވަނީ އެ ސޫޓްކޭސް ފޭރިގަނެގެން ލޯންޗެއްގައި ފިލާފައެވެ.
އެ ސޫޓްކޭހުގައި ލައްކައެއްހާ ޑޮލަރު ހުރިކަމަށް މިހާތަނަށް އާންމުވި ނުރަސްމީ މައުލޫމާތުތަކުގައި ބުނެފަވެއެވެ.


