ރައްޔިތުންނަށް ވެފައި ހުރި ގިނަ ވައުދުތަކެއް ފުއްދުމަށްޓަކާ ގިނަ މަސައްކަތްތަކެއް ވަނީ ތަރުތީބުކުރެވިފައި: ރައީސް
4 ނޮވެމްބަރު 2025 - 18:22

ރައްޔިތުންނަށް ވެފައިވާ ގިނަ ވައުދުތަކެއް ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ތަރުތީބުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުވައްމުލަކު ސްކޫލުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ފާހަގަކުރެއްވީ، ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވުމުގެ ހާލަތުގައި އޮތް ކަމަށެވެ. ނަމަވެސް، އެ ދަތި ހާލަތުން އަރައިގަނެ، ގައުމަށް ވަށައިޖެހޭ ތަރައްގީއެއް ގެނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށެވެ.

Ad by Hajj Corporation
ވައުދުތަކަށް އަމަލީ ސިފަ ޖެހޭނެ އަހަރުތައް
ރައީސް ވިދާޅުވީ، މި ސަރުކާރުން މިހާރު ވަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ތަރުތީބުކޮށްފައި ކަމަށެވެ. އަދި މި އަހަރާއި އަންނަ އަހަރަކީ އެ ވައުދުތަކަށް އަމަލީ ސިފަ ޖެހޭނެ އަހަރުތައް ކަމުގައި ވާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ.
ފުވައްމުލަކުގެ ތަރައްގީއަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، މިކުރެއްވި ދަތުރުފުޅަކީ، ރައްޔިތުން ބޭނުންވި މަޝްރޫއުތައް ހަގީގަތަކަށް ހެދުމަށްޓަކައި ފުވައްމުލަކުގެ ތަރައްގީގައި އާ ސަފުހާއެއް އެއްލުނު ދުވަހެއް ކަމުގައި ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ފުވައްމުލަކުގެ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ ފުވައްމުލަކު ސިޓީ އަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ފައްޓަވާދެއްވާފައެވެ. އެއިގެ ތެރޭގައި 400 ހައުސިން ޔުނިޓްގެ މަސައްކަތާއި، ގައުމީ ލައިބްރަރީގެ ބްރާންޗެއް ގާއިމުކުރެއްވުމުގެ މަސައްކަތާއި، ފުލުހުންގެ އެކަމަޑޭޝަން ބްލޮކެއްގެ މަސައްކަތާއި، ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި، ފުވައްމުލަކު ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމާއި، އެ ސިޓީގައި އައު ފުޓްސަލް ދަނޑެއް ހުޅުއްވައި ދެއްވުމާއި އަދި އެ ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުން ހިމެނެއެވެ.


