މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އިސްކަންދޭ: ވަޒީރު
6 ނޮވެމްބަރު 2025 - 10:28

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
ޔޫޕީއާރްގެ 4 ވަނަ ބުރުގައި ރާއްޖޭގެ ދާޚިލީ ދާއިރާ ތަމްސީލްކުރައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު އޮތް ނިޒާމު ހަރުދަނާކޮށް ބައިނަލްއަޤްވާމީ އެހެން ޤައުމުތަކެކޭ އެއްފަދައިން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް، ވަރަށް ބޮޑަށް އިތުރުވެ، މީހުން ހައްޔަރުކުރުމާއި، މަސްތުވާތަކެތި އަތުލައިގަތުމާއި، ޓްރެފިކިންގެ ވިއުގަތައް ހޯދުމުގެ މަސައްކަތްތަކުގެ ސަބަބުން، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގައި ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފަ. މިފަދަ އަމަލުތަކުގައި ޝާމިލުވާ އޮފިސަރުން ވަޒީފާއިން ވަކިކުރުމަކީ ކޮރަޕްޝަނާ ދެކޮޅަށް އަޅުގަނޑުމެން ގެންގުޅޭ ޒީރޯ ޓޮލަރެންސް ސްޓޭންޑެއް. ވަޒީރު
މަސްތުވާތަކެތި ޓްރެފިކް ކުރުމާއި އެނޫންވެސް ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށްޓަކައި، އުޅަނދުތަކުގައި ޓްރެކިން ޑިވައިސްތައް ބޭނުންކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ކުޑަކުދިންގެ ޖިނާޢީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތަށްވެސް އަލިއަޅުވާލައްވާ ވަޒީރު ވަނީ ހޯޕް އައިލެންޑް އަދި ޖިނާޢީ ކުށްތަކުގެ ޒިންމާ ނަގަންޖެހޭ އުމުރަށް ގެންނަ ބަދަލާއި ގުޅޭގޮތުން އެކި ފަރާތްތަކުން ފާޅުކޮށްފައިވާ ޚިޔާލުތައް ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ.
އަދި މިމަސައްކަތް ކުރެވެނީ ކުށަށް ހުށަހެޅިފައިވާ ކުދިން މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމުގެ މަޤްޞަދުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ ޖަލުތަކުގެ މައްސަލަ ހައްލުކުރުމަށް ޢުމްރާނީ ގޮތުން މަސައްކަތް ކުރެވި ޤައިދީންނަށް ލިބެންޖެހޭ ހައްގުތައް ފުރިހަމައަށް ކަށަވަރުކޮށްދޭން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އިންސާނީ ވަސީލަތް ބިނާކޮށް، އިންސާނީ ހައްޤުތަކާއި ބެހޭ މާއްދާތައް ތަންފީޒުކުރުމަށް، މުވައްޒަފުން އަހުލުވެރިކޮށް ތަމްރީނުދިނުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި 2021ވަނަ އަހަރު އިންސާނީ ވަގުފާރި ހުއްޓުވުމާއި ބެހޭ ޤާނޫނު އިސްލާހުކޮށް މިހާރު އެކަން ތަންފީޒުކުރަމުންދަނީ ދާޚީލީ ވުޒާރާއިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ނިރުބަވެރިކަމާއި ދެކޮޅަށް ސަރުކާރުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްގޮތަށް މަސައްކަތް ކުރައްވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން ދައުލަތުގެ ޚިދުމަތް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތަށްވެސް ދާޚިލީ ވަޒީރުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ.


