މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި ޓްރެކިން ޑިވައިސްތައް ބޭނުންކުރަނީ
7 ނޮވެމްބަރު 2025 - 05:02

މަސްތުވާތަކެތި ޓްރެފިކް ކުރުމާއި އެނޫންވެސް ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށްޓަކައި، އުޅަނދުތަކުގައި ޓްރެކިން ޑިވައިސްތައް ބޭނުންކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންކަން ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދިޔަ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް، ވަރަށް ބޮޑަށް އިތުރުވެ، މީހުން ހައްޔަރުކުރުމާއި، މަސްތުވާތަކެތި އަތުލައިގަތުމާއި، ޓްރެފިކިންގެ ވިއުގަތައް ހޯދުމުގެ މަސައްކަތްތަކުގެ ސަބަބުން، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގައި ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފަދަ އަމަލުތަކުގައި ޝާމިލުވާ އޮފިސަރުން ވަޒީފާއިން ވަކިކުރުމަކީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ގެންގުޅޭ ޒީރޯ ޓޮލަރެންސް ސްޓޭންޑެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށް ދައުލަތުން ކުރަމުން އަންނަ މަސައްކަތްތަކަށްހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.


