ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަޢުދަށް އިސްކަންދީ ކުރެވުނު މަސައްކަތުން ޢަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައި: ރައީސް
11 ނޮވެމްބަރު 2025 - 12:53

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ ވަޢުދުފުޅަށް އިސްކަންދެއްވައިގެން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއަކީ، މިހާރު އެކަމުގެ ޢަމަލީ މަސައްކަތް ފެށިފައިވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
ރައީސް ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއިން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ދާދި އަވަހަށް ހުޅުވާލައްވާނެ ބައެއް ފުރުޞަތުތަކުގެ ޚުލާސާއެއް މި ޖަލްސާގައި ހިއްސާކުރައްވާފައެވެ.
މާލޭ ސަރަޙައްދުގެ ބިން އިތުރުކުރުމަށް ސަރުކާރުން ބާރު ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15،000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެ ކަމަށެވެ. މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރެއިން، 3،000 ހައުސިންގް ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އިތުރު 4،000 ހައުސިންގް ޔުނިޓް ހަމަޖެހިފައިވާކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. މި ހުރިހާ ކަންކަމުގެ ތަފްސީލުތައްވެސް ދާދި އަވަހަށް ރައްޔިތުންނާ ހިއްސާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ ދާއިރާއިން ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިނުވާ ފަރާތްތަކަށް އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބިންހިއްކުމުގެ މަޝްރޫޢު ނިމެންވާއިރަށް، ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅައި ނިންމެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫޢުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން، ޑިސެމްބަރު މަހު ގެނެވޭ އިތުރު ޑްރެޖަރުތަކާއެކު، ރަސްމާލޭ ބިންހިއްކުމުގެ ދުވެލި 3 ގުނަ ހަލުވިވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.


