36 ކައުންސިލަރަކު ޚަޠީބުކަމުގެ ތަމްރީން ފުރިހަމަކޮށްފި
16 ނޮވެމްބަރު 2025 - 07:57

ކައުންސިލަރުންނަށް އަމާޒުކޮށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއށް ގެންދިޔަ ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމު ފުރިހަމަކުރި ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ދީފިއެވެ.
މިކަމަށްޓަކައި ރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ކައުންސިލަރުންނަށް ހުއްދަ އެރުއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

Ad by Hajj Corporation
މި ޕްރޮގުރާމު ފުރިހަމަކޮށް 36 ކައުންސިލަރުން ވަނީ ހުއްދަ ލިބިގެންފައެވެ. މި ޕްރޮގުރާމަކީ ބައެއް ރަށްރަށުގައި ޚުޠުބާ ކިޔާ މީހުން ލިބުމުގައި އޮތް ދަތިކަން ފިލުވުމަށް ކައުސިލަރުންގެ ތެރެއިން ޤާބިލުކަން ހުރި ފަރާތްތަކަށް ޚުތުބާ ކިއުމުގެ ހުއްދަ ދިނުމަށް ފުރަތަމަ ފަހަރަަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެއްކަން ފާހަގަކޮށްލެވެއެވެ.
މި ޕްރޮގުރާމަށްފަހު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ޕްރޮގުރާމުގެ ބައިވެރިންނަށް މަރުޙަބާ ދަންނަވާފައެވެ. ވަޒީރު ވިދާޅުވީ، އިދާރީ ގޮތުން ރަށުގެ ކަންކަން ހިންގުމާއެކު، އިމާމުވެ ހުކުރު ކުރުން ފަދަ ދީނީ ކަންކަންކަން ވެސް އިސްވެ ކުރުމުގެ ޤާބިލުކަން ހުރި ލީޑަރުން ރަށުގެ ވެރިންނަށް ތިބުމަކީ އިސްލާމީ މުޖުތަމަޢެއްގައި ބޭނުންތެރިކަމެއްކަމަށެވެ.
ޚަޠީބުން މަދުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ، ޒުވާން ޚަޠީބުންގެ ޕްރޮގްރާމެވެ. މިހާތަނަށް މި ޕްރޮގްރާމުގެ 3 ބުރެއް ކުރިއަށް ގެންގޮސްފައިވާއިރު، 503 އަށްވުރެ ގިނަ ޚަޠީބުން ސަނަދު ޙާސިލްކޮށްފައިވެއެވެ. ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 65 ޚަޠީބުން އަދި ދެވަނަ ބުރުގައި 169 ޚަޠީބުން ވަނީ ސަނަދު ހާސިލްކޮށްފައެވެ. 3 ވަނަ ބުރުގައި 269 ޚަތީބުން ސަނަދު ހާސިލްކޮށްފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ، މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުމެވެ.
ޒުވާން ޚަޠީބުންގެ ތަމްރީން ޕްރޮގުރާމަކީ، ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް ޕްރޮގުރާމެވެ.


