މާޗް މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލް.ގެ ޚިދުމަތް، ފެބްރުއަރީ މަހު ޓެކްސީ ލައިން ފެށޭނެ
18 ނޮވެމްބަރު 2025 - 02:35

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ 1,875 މަޝްރޫޢު ހިނގަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ''ރައްޔިތުންނާއިއެކު ކުރިއަށް - ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު''ގައެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދައުލަތުގެ ހުރިހާ ވުޒާރާތަކެއް ހިމެނޭހެން، ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށެވެ. މީގެ ތެރޭގައި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވައި، މާޗް މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލް. (RTL) ގެ ޚިދުމަތް ގާއިމްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ފަސޭހަ އަދި ނަތީޖާ ފެންނަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުމުގެ އަމާޒުގައި، މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ފެބްރުއަރީ މަހު ފެށިގެންދާނެކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މި މަޝްރޫޢުގެ ސަބަބުން، ޓެކްސީ ޑްރައިވަރުންނަށް ފިކްސްޑް އިންކަމެއް ލިބި، ރައްޔިތުންނަށް މެދުނުކެނޑި ޓެކްސީގެ ޚިދުމަތް ލިބޭނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، އުމްރާނީ ތަރައްގީއަކީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ދާއިރާއެކެވެ. މި ތަރައްގީގެ މަޝްރޫޢުތަކުގެ ތެރޭގައި މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަލަށް ސޮއިކުރެވޭ މަޝްރޫޢުތައްވެސް ހިމެނެއެވެ. އަދި، އަލަށް ސޮއިކުރެވޭ ކޮންމެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ތިން މަސްދުވަހުގެ ތެރޭގައި ފެށިގެންދާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެތެރޭގައި ޕްރައިވެޓް ސެކްޓަރ ޕާޓްނަޝިޕްގެ ދަށުން މި މަހުގެ ތެރޭގައި ސޮއިކުރެވުނު 236 މަޝްރޫޢުވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ އުމްރާނީ ތަރައްގީގެ މަޝްރޫޢެއް ހިންގާ، ތަންފީޒުވެ ނިމޭއިރު، ރައްޔިތުންނަށް އޭގެ ފައިދާ ފެނިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތައް ހިންގޭނީ ތިމާވެށި ހިމާޔަތްކޮށްގެންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކޮންމެ މަޝްރޫއަކީ ފުރިހަމަ ކުރަންޖެހޭ އީއައިއޭ ރިޕޯޓްތައް ފުރިހަމަކޮށް، އެއަށް އަމަލުކުރެވޭ މަޝްރޫއަކަށްވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވައުދުފުޅެއްގެ ގޮތުން ފެށިގެންދިޔަ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އިޝާރާތްކުރައްވައި ވިދާޅުވީ، މިހާތަނަށް އަށްލައްކައަށްވުރެ ގިނަ ގަސް އިންދިފައިވާކަމަށާއި، މި ޕްރޮގްރާމު ނިމޭއިރު ފަސް މިލިއަނަށް ވުރެ ގިނަ ގަސް އިންދޭނޭކަމަށް ލަފާކުރެއްވިއެވެ.
ތެލަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމުގެ ގޮތުން، އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުތަކަށް ގައުމީ ތަރައްގީގައި އިސްކަންދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، މިހާތަނަށް ސޯލާ ހަކަތަ އުފެއްދޭ މިންވަރު ދެގުނަ އިތުރުކުރެވިފައިވާ ކަމަށާ، 100 މެގަވޮޓްގެ ބޮޑު މަޝްރޫޢެއް ފަށާފައިވާ ކަމަށާއި، ސޯލާގެ އިތުރު 78 މަޝްރޫޢެއްގައި ސޮއި ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތަކަމުގައި ހެއްދެވުމަށް ވެވަޑައިގެންފައިވާ ވައުދު ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރެއްވިއެވެ.


