މި ސަރުކާރު އައިއިރު މަސްވެރިން ތިބީ ބިކަވެ ދޫކޮށްލާފައި: ރައީސް
18 ނޮވެމްބަރު 2025 - 03:50

އެ މަނިކުފާނުގެ ސަރުކާރު ވެރިކަމާ ޙަވާލުވިއިރު، ދިވެހި މަސްވެރިން ތިބީ ބިކަވެ، ދޫކޮށްލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ކުރިއަށްދިޔަ "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104 ރަސްމިއްޔާތު" ގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު އައިއިރު މަސްވެރިކަމުގެ ދާއިރާ އޮތީ އެއްވެސް އިސްކަމެއް ނުދީ ދޫކޮށްލާފައި ކަމަށާއި، މި ސަރުކާރުން މަސްވެރިންނަށް އިސްކަންދީގެން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ.
އެގޮތުން، އެތައް އައިސްޕްލާންޓެއް މަރާމާތުކޮށް، އަލަށް 4 ރަށެއްގައި އައިސްޕްލާންޓް ހުޅުވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، އިތުރު 6 ރަށެއްގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށާއި، އާރް.އެސް.ޑަބްލިއު (ރޯ ސީވޯޓަރ) ލޯނު ދީގެންވެސް އެތައް ދޯންޏެއްގައި މި ނިޒާމު ގާއިމުކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން މިހާރުވެސް އާރް.އެސް.ޑަބްލިއު ގާއިމުކުރުމަށް އައު ފުރުސަތެއް ހުޅުވާލައިފައިވާކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރަށްވާފައެވެ.
މި ސަރުކާރު ދައުރު ފެށުނުއިރު 9500 ޓަނުގައި ހުރި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މި ފަސް އަހަރު ނިމޭއިރު 24500 ޓަނަށް އިތުރުކުރެވޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ. އަދި ކޫއްޑޫ އިތުރަށް ތަރައްޤީ ކުރައްވަމުން ގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު މަސްވެރިންނަށް ނުދީހުރި ދުއިސައްތަ އެތައް މިލިއަނެއްގެ ފައިސާ ޚަލާސްކޮށް، މިދިޔަ ޑިސެންބަރު 10 އިން ފެށިގެން އެންމެ ދުވަހެއްވެސް ނުވެއްޓި ބަރާބަރަށް ފައިސާ ދެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން އިޢުލާނުކުރި ހުރިހާ ރަށެއްގައި އަންނަ މާޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑް ގާއިމުކުރެވޭނެކަމުގެ ޔަޤީންކަން ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ދެއްވާފައިވާކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


