ބޭނުންވަނީ ޤައުމަށް ބޮޑުވެފައިވާ މައްސަލަތައް އޭގެ މުލާ ހިސާބުން ޙައްލުކޮށް، ދާއިމީ ނަތީޖާ ނެރެދޭން: ރައީސް
18 ނޮވެމްބަރު 2025 - 03:17


Ad by Hajj Corporation
މިސަރުކާރުން ބޭނުންވަނީ ޤައުމަށް ބޮޑުވެފައިވާ މައްސަލަތައް އޭގެ މުލާ ހިސާބުން ޙައްލުކޮށް، ދާއިމީ ނަތީޖާ ނެރެދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، ސަރުކާރުގެ ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި "ރައްޔިތުންނާއެކު ކުރިއަށް - ހަފްތާ 104" ޚާއްޞަ ރަސްމިއްޔާތުގައެވެ.
ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތައް މުލުން ޙައްލުކޮށް، ދެމިހުންނަނިވި ނަތީޖާއެއް ހޯދައިދިނުމަކީ މި ސަރުކާރުގެ ޢަޒުމެއްކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ދިވެހި ޒުވާނުން މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުން ދުރުވުމަށް ބޭނުންވާކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގެ މައިގަނޑު ސިޔާސަތަކީ، ޒުވާނުން އެކަމުން ސަލާމަތްކޮށް، މުޖުތަމަޢުގެ މެއިންސްޓްރީމާ ގުޅުވުން ކަމުގައެވެ. މި މައްސަލަތައް މުލުން ފޮހެލުމަށް މަސައްކަތްތައް ތަރުތީބުކުރައްވާފައިވަނީ، މަސްތުވާތަކެތީގެ ސަޕްލައިގެ މައްސަލަ ޙައްލުކުރުމާއި، ރިހެބިލިޓޭޝަންގެ ފުރުޞަތު ފަހިކުރުމާއި، ޒުވާނުން އަނބުރާ މުޖުތަމަޢަށް ނެރެ، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެގޮތް ހެދުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، މަސްތުވާތަކެއްޗާއި، ގޭންގު ކުށުގެ ނުބައި އާދައިގައި ޖެހިފައިވާ ޒުވާނުން އެކަންކަމުން ދުރުވެ، އަމިއްލަ ނަފުސާއި، ޢާއިލާއާއި، ޤައުމަށް ޚިދުމަތްކުރުމަށް ރައީސް ތަކުރާރުކޮށް އިލްތިމާސްކުރެއްވިއެވެ. އަދި ރިހެބިލިޓޭޝަނާއި ރީއިންޓެގްރޭޝަނަށް ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަށްވެސް، އެފަދަ ޒުވާނުންނަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ޒުވާނުންނަށް ހުރި ފަހި ފުރުޞަތުތަކަށް އަލިއަޅުއްވާލައްވަމުން، ދިވެހި ވަޠަނީ ޚިދުމަތާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި، ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމާއި ސަރުކާރުން އެކި ކަންކަމަށް ދޭ މާލީ އެހީއާ ބެހޭ ތަފާސްހިސާބާއި މަޢުލޫމާތު އެމަނިކުފާނު މިރޭގެ ބައްދަލުވުމުގައި ހިއްސާކުރެއްވިއެވެ.
ޒުވާނުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރައްވާ މަސައްކަތްތަކުގެ އިތުރުން، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގެ އުސްއަލިތައްވެސް ރައީސްގެ ވާހަކަފުޅުގައި ހިމަނުއްވިއެވެ. އެގޮތުން ޖަމާޢީ ފެންވަރުގައި އެދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކާއި، ވަށާޖެހޭ އެތުލީޓުން ބިނާކުރުމަށް ޚާއްޞަކޮށްގެން ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ޖަމާޢީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ބިނާކުރުމަށް ކުރައްވަމުންދާ ކާމިޔާބު މަސައްކަތަށް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އަދި އެމަނިކުފާނުގެ ޕްރެޒެންޓޭޝަން މެދުވެރިކުރައްވައި ވަނީ، އެ މަސައްކަތްތަކުގެ އަދާހަމަ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ.
ރައީސް މުޢިއްޒު ވަނީ އެކި ކުޅިވަރުތަކުން އެތުލީޓުން ހޯދަމުންދާ ކާމިޔާބީގެ އަގު ވަޒަންކުރައްވާފައެވެ. އަދި، ވަށާޖެހޭ އެތުލީޓުން ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، ކުޅިވަރުގެ ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައުމާއެކު، އެތުލީޓުންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށް، ޤައުމީ ޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުންނަށް 2026 ގައި ޞިއްޙީ އިންޝުއަރެންސް ހަމަޖެހޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަންނަ އަހަރު، ރާއްޖޭގައި ހައި ޕަރފޯމަންސް ސެންޓަރެއް ހަދަން ޕްލޭންކުރައްވާފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއިރު، އެމަނިކުފާނު ސިފަކުރެއްވީ މިއީ، ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ އެންމެ މުހިންމު ކަންތައް ކަމުގައެވެ.


