18 ނޮވެމްބަރު 2025 - 03:30

ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަކީ އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ހޯމަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ''ރައްޔިތުންނާއިއެކު ކުރިއަށް - ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު''ގައެވެ.

Ad by Hajj Corporation
ޤައުމެއް ބިނާކުރަމުންދާއިރު އެ ޤައުމުގެ މުޖުތަމަޢަކީ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަކީ މުހިންމު ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި އަދުގެ ސަރުކާރަށް އެންމެ މުހިންމީ ރައްޔިތުންގެ ދުޅަހެޔޮކަމެވެ. އެގޮތުން، ބަލިޖެހުމުގެ ކުރިން ބަލީން ދިފާޢުވުމަށް މަސައްކަތްކުރުމާއި، ބަލިޖެހޭ ހިސާބުން އެންމެ ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމުގެ ވިސްނުންފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ފާއިތުވީ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެއްވި ބައެއް މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވައިލެއްވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގައި މީގެ ކުރިން ބަލިޖެހުމުގެ ކުރިން ބަލިން ދިފާޢުވުމަށް މާބޮޑު ސަމާލުކަމެއް ދީފައި ނުވެއެވެ. އަދި ޤައުމުގެ ޞިއްޙީ ނިޒާމު އޮތީ، ބަލިޖެހޭ ހިސާބުން ދަތި ހާލުގައި ޤައުމުން ބޭރަށް ގޮސް ފަރުވާ ހޯދުމަށް މަޖުބޫރުވާފަދަ މޭރުމަކުން ކަމަށެވެ. ނަމަވެސް، އެއީ އެމަނިކުފާނާއި ޤައުމުގެ ރައްޔިތުން އެދޭގޮތް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަން ބަދަލުކުރުމަށްޓަކައި، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވޭޕް މަނާކުރުމާއި، ސިނގިރޭޓުގެ ވަބާއިން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފުކުރުމާއި، ސިނގިރޭޓުގެ އަގު ބޮޑުކުރުން ފަދަ އެތައް ކަމެއް ސަރުކާރުން ކުރައްވާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ބަލިޖެހުމުގެ ކުރިން ބަލިން ދުރުވުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ބަލިޖެހޭ ހިސާބުން ޤައުމުން ބޭރަށް ދިއުމުގެ ބަދަލުގައި، ޤައުމުގައި ތިބެގެން ފަރުވާގެ ކަންކަން ފުރިހަމަކުރެވޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، ހަމައެކަނި މާލެއަށް ބަރޯސާވުމުގެ ބަދަލުގައި، ރާއްޖޭގެ ފަސް ސަރަޙައްދަކުން ޓަރޝަރީ ފެންވަރުގެ ޞިއްޙީ ފަރުވާ ހޯދޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައްޔިތުންނަށް އެންމެ މުހިންމު އެއް ޚިދުމަތް ކަމަށްވާ، އެއަރ އެމްބިއުލާންސްގެ ޚިދުމަތަތައް އައު ހަރުފަތަކަށް ގެންދެވިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ގާތަށް ކުރެއްވި ސިލްސިލާ ދަތުރުފުޅުތަކުގައި، އެކަށީގެންވާ ގޮތެއްގައި ޞިއްޙީ ޚިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާ، ގިނަ ޢަދަދެއްގެ ރައްޔިތުން އުފުއްލެވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަން ހައްލުކުރުމަށްޓަކައި، 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އަޕްގްރޭޑްކުރެވި، މަރާމާތުކުރެވި، މުވައްޒަފުން ހަމަކުރެވިފައިވާ ޞިއްޙީ މަރުކަޒެއް ހުރުން ކަށަވަރުކުރެއްވުމަކީ ސަރުކާރުގެ އަމާޒުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ ދާއިރާއިން އެންމެ ގިނަ މަސައްކަތްތައް ފައްޓަވާފައިވަނީ މި ދަޢުރުގައި ކަމަށާއި، ޢުމްރާނީ ތަރައްޤީއާއިއެކު، އިންސާނީ ވަޞީލަތުގެ ގޮތުންވެސް ޞިއްޙީ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ. އަދި ކުރިއަށް އޮތް ހަ މަސްދުވަހަކީ ޞިއްޙީ ދާއިރާއިން، ވަކީން ޚާއްޞަކޮށް ޓެސްޓުތައް ހެދުމުގެ ދާއިރާއިން ކާމިޔާބީތަކެއް ހޯއްދެވޭނެ ދުވަސްތަކެއްކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


