logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވްސް 2.0 މުސްތަގުބަލުގައި ގައުމުގެ ތާރީޚް ބަދަލުކޮށްލާނެ: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ނޮވެމްބަރު 2025 - 03:43
މޯލްޑިވްސް 2.0 މުސްތަގުބަލުގައި ގައުމުގެ ތާރީޚް ބަދަލުކޮށްލާނެ: ރައީސް

ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށް، ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުކުރުމަށްޓަކައި ސަރުކާރުން ހިންގަންފަށާފައިވާ "މޯލްޑިވްސް 2.0" މަޝްރޫޢަކީ، ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ ތާރީޚު ބަދަލުކޮށްލާނެ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި، ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި "ރައްޔިތުންނާއެކު ކުރިއަށް- ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު" ގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން އިފްތިތާޙްކުރެއްވި މި މަޝްރޫޢަކީ، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެއަށް އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ.

މި މަޝްރޫޢުގެ ދަށުން ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެންސްޕާގެ ބައެއް ޚިދުމަތްތައްވެސް މި ވިއުގައިން މިހާރު ދޭން ފަށާފައިވާއިރު، މުޅި ޞިއްޙީ ދާއިރާއަށް މިކަން ތަޢާރަފުވުމާއެކު ހުރިހާ ރައްޔިތުންނަށް އެކަމުގެ ފައިދާކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބަދަލުތައް ބަލައިގަތުމަށް ފަސްޖެހުމަކީ އިންސާނީ ޠަބީޢަތްކަމުގައި ވިދާޅުވި ނަމަވެސް، ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރަމުންދާނީ 'ޑިޖިޓަލް ފަސްޓް ނޭޝަން' އެއްގެ ގޮތުގައި ޤައުމު ބިނާކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 2026 ވަނަ އަހަރުގެ ބަޖެޓުގައިވެސް މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާނެކަމަށާއި، އެ އަހަރުގެ އެންމެ ރަނގަޅު އެއް ވާހަކައަށް މިކަން ވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އިޚްލާޞްތެރިކަމާއެކު ކަންކަން ކުރާނަމަ، މައްސަލައިގެ މުލާ ހިސާބަށް ރިޢާޔަތްކުރަންޖެހޭނެއެވެ. "މޯލްޑިވްސް 2.0" އަކީ، ކޮރަޕްޝަންގެ ނުބައި ޢަމަލަށް އެޅޭނެ ބޮޑު ހުރަހެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، އެކަމުގެ ހެޔޮ ނަތީޖާ ޑިޖިޓަލް އިޤްތިޞާދުން ފެނިގެންދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 2040 ވަނަ އަހަރު އަންނައިރު، ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނުމަށް އެމަނިކުފާނުގެ ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

ރައްޔިތުން އެދޭ ގޮތަށް ޤައުމު ތަރައްޤީވެގެން ދިއުމަށްޓަކައި، އެ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމަކީ މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ގާތުން ކަންކަން އޮޅުންފިލުއްވައިގެން، ސަރުކާރުން ކަންތައްތަކެއް ކުރުމަށް ގަސްތުކުރައްވާކަމަށް ވިދާޅުވެ، އެކަންކަމަށް މަގުފަހިކުރެއްވުމަށްޓަކައި ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށް ގަސްތުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހާތަނަށް މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރައްވާފައިވީ ނަމަވެސް، މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ އެފަދަ މޭރުމަކުން ބައްދަލުކުރެއްވިފައިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލެއަކީ ގިނަ ޢަދަދެއްގެ ރައްޔިތުން ވަޒަންވެރިވެގެން ދިރިއުޅޭ ތަނަކަށް ވާއިރު، މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން، ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުކުރެއްވުންތައް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މި މަޝްވަރާތައް ކުރިއަށްގެންދަވާނީ، ވިލިމާލެ، ހުޅުމާލޭގެ 2 ފިޔަވަހި އަދި މާލޭގެ 4 އަވަށްވެސް ވަކިވަކީން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިޔަފާރިވެރީންނާއެކުގައިވެސް ބައްދަލުވުންތަކެއް ކުރިއަށްގެންދަވާނެކަމުގެ ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާކުރައްވާފައެވެ.

ސަރުކާރުން ކަންކަން ކުރައްވަނީ ރޭވުންތެރިކަމާއެކު، ދެމެހެއްޓެނިވި ތަރައްޤީ ހާޞިލުކުރެއްވުމަށްކަން ފާހަގަކުރައްވަމުން ފަހުކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، 20 އަހަރުގެ ނޭޝަނަލް ޑިވަލޮޕްމަންޓް ޕްލޭންގެ ވަޢުދުފުޅު ހިއްސާކުރައްވާފައެވެ. ކޮންމެ ކަމެއްވެސް ކުރައްވަނީ މަޝްވަރާގެ ތެރެއިންކަމަށާ، އެގޮތުން މި ޕްލޭން އެކުލަވާލުމަށް މިހާތަނަށް ކުރިއަށްގެންދެވި މަޝްވަރާތަކުގެ ތަފާސްހިސާބުތައް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަޒަންކުރައްވާ މީޒާނަކީ ނަތީޖާކަމުގައި ތަކުރާރުކުރައްވަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން އިޢުލާންކުރައްވައިފިޚަބަރު | 5 މިނިޓު ކުރިން2 އަހަރުގެ ތެރޭގައި ގްރޭޑް 10 ނިންމާ ކުދިން ފާސްވާ ނިސްބަތް 49 އިންސައްތައަށް މަތިކުރެވިއްޖެ: ރައީސް ޚަބަރު | ގަޑިއިރެއް ކުރިން2 އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް 6223 އެނދު ނެރެފިޚަބަރު | 2 ގަޑިއިރު ކުރިންމި ސަރުކާރު އައިއިރު މަސްވެރިން ތިބީ ބިކަވެ ދޫކޮށްލާފައި: ރައީސްޚަބަރު | 2 ގަޑިއިރު ކުރިން