ބިދޭސީންނަށް "އީ-ވީޒާ"ގެ ޚިދުމަތް ފެށުމާއެކު ގެނެވޭ ބަދަލުތަށް އާންމު ކޮށްފި
19 ނޮވެމްބަރު 2025 - 09:53

ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ ފަރާތްތަކަށް ދޫކުރެވޭ ވީޒާއާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް "އޮންލައިން" ކުރުމަށްޓަކައި، "އީ-ވީޒާ"ގެ ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ގިނަ ބަދަލުތަކެއް އަންނާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އިއުލާނުކޮށްފިއެވެ.
މި ބަދަލުތަކާ ގުޅިގެން، ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި އުޅޭ ބިދޭސީންގެ ޕާސްޕޯޓު އިމިގްރޭޝަން ކައުންޓަރަށް ހުށަހަޅައިގެން ވީޒާ ޖެހުމުގެ ބަދަލުގައި، އެ ދުވަހުން ފެށިގެން ދޫކުރާނީ އީ-ވީޒާއެވެ. މީގެ އިތުރުން، 23 ވަނަ ދުވަހުގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް ޕާސްޕޯޓުގައި އޮތް ނަމަވެސް، އެ ތާރީޚުން ފެށިގެން އެ ވީޒާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީޒާއަށް ބަދަލުވާނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

Ad by Hajj Corporation
މިފަދަ ވީޒާތަކަކީ އެ ތާރީޚުން ފެށިގެން "ވެލިޑް" ވީޒާތަކެއް ކަމުގައި ނުބެލެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ "ވެލިޑް" ވާރކް ވީޒާ ކަމުގައި 23 ވަނަ ދުވަހުން ފެށިގެން ބަލާނީ އީ-ވީޒާއެވެ. މި އީ-ވީޒާގެ މުއްދަތު ބިނާވާނީ ވާރކް ޕާރމިޓްގެ ވެލިޑިޓީއަށެވެ. އެ ތާރީޚުން ފެށިގެން ވާރކް ވީޒާގައި ރާއްޖެއަށް އެތެރެވުމުގެ ނުވަތަ ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަށެވެ.
އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެއަންނަ ބިދޭސީއެއް ނަމަ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް ލިބިފައިވާ ފަރާތްތަކަށް އެތެރެވުމުގެ ހުއްދަ ދޭނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް އެތެރެވާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ވާރކް ވީޒާއަށް އެދި ހުށަހެޅުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ.
މި މުއްދަތުގެ ތެރޭގައި ވާރކް ވީޒާގެ މަރުހަލާ ފުރިހަމަނުކުރެވި ރާއްޖޭން ފުރަންޖެހިއްޖެނަމަ، ވާރކް ޕާރމިޓްގައި ވެލިޑިޓީ އޮތްނަމަ އެއް ފަހަރު ފުރުމުގެ ހުއްދަ ލިބޭނެއެވެ. އީ-ވީޒާއަށް ބަދަލުވުމުން، ވަޒީފާ ދޭ ފަރާތުން ބިދޭސީގެ އީ-ވީޒާގެ މުއްދަތު އޮތްތޯ ކަށަވަރުކުރުމަކީ އެ ފަރާތުގެ ޒިންމާއެކެވެ. 2025 ނޮވެމްބަރު 23 ވަނަ ދުވަހުން ފެށިގެން ވާރކް ވީޒާއަށް އެދި ހުށަހަޅާނީ www.immigration.gov.mv މެދުވެރިކޮށެވެ.
އެކި ބޭނުންތަކުގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ ވީޒާ ޖެހުމަށް 2025 ނޮވެމްބަރު 23 ގެ ކުރިން އިމިގްރޭޝަނަށް ހުށަހަޅާފައިވާ ޕާސްޕޯޓުތައް ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރު ފަހު 1:30 އަށް އިމިގްރޭޝަންގެ ވީޒާ ޑިވިޜަން (ސްޓާރ ކްލައުޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ) އިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.


