އައްޑޫގެ ހޮސްޕިޓަލެއްގައި ސިޒޭރިއަން ހެދި ޒުވާނަކު ނިޔާވެއްޖެ
24 ނޮވެމްބަރު 2025 - 07:29

އައްޑޫ ސިޓީ ހިތަދޫ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ގައި ސިޒޭރިއަން ހެދި އުމުރުން 28 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ.
ސިމްޑީ ގްރޫޕުން ހިންގާ އައިއެމްޑީސީގައި ސިޒޭރިއަން ހެދި ސ. ހިތަދޫ، ތަމަންނާގެ، އާއިޝަތު ނަޒާހަތު އަހްމަދުދީދީ ނިޔާވީ މިއަދު އެވެ. އޭނާގެ ވިހެއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.

Ad by Hajj Corporation
ނަޒާހަތުގެ ހާލު ދެރަވުމުން އޭނާ ވަނީ އައިއެމްޑީސީ އިން އެމަޖެންސީކޮށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.އެހެންނަމަވެސް އެ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތިގައި،އެ ހޮސްޕިޓަލަށް ނަޒާހަތު ގެނައީ ފަތިހުގެ ވަގުތެއްގައެވެ.ހާދިސާގައި އަންހެން މީހާ ނިޔާވި ނަމަވެސް، ތުއްތު ކުއްޖާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އެންއައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ނަޒާހަތަކީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމު އަދާކުރަމުން ގެންދިޔަ މުވައްޒަފެކެވެ. އޭނާ ނިޔާވުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ތައުޒިޔާ ދަންނަވައިފަ އެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ހެލްތު މިނިސްޓްރީގެ އިތުރުން އައިއެމްޑީސީ އާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.


