ވިއްސާރައިގައި ލަންކާއިން މަރުވި މީހުންގެ ޢާއިލާތަކަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
28 ނޮވެމްބަރު 2025 - 05:18

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި މޫސުން ގޯސްވެ ލަންކާއަށް ކުރި ބޯ ވިއްސާރާގައި ގިނަ ބަޔަކު މަރުވެ، އިމާރާތްތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ހިތާމަކުރައްވާކަމަށް ވިދާޅުވެ އަދި ލަންކާއަށް ދިމާވެފައިވާ ހިތްދަތި މި ދަނޑުވަޅުގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހިން ދެމިތިބޭނެކަން ރައީސް ވަނީ ވިދާޅުވެފައެވެ.
އެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

Ad by Hajj Corporation
މިހާރު ލަންކާއަށް ކުރަމުން އަންނަ ވިއްސާރައަކީ ފާއިތުވި އަހަރުތަކުގައި އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު މޫސުމީ އެއް ކާރިސާއެވެ.
އެ ގައުމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 56 މީހުން މަރުވެ، 21 މީހަކު ގެއްލިފައިވާއިރު މޫސުން ގޯސްވުމުގެ ސަބަބުން މިހާތަނަށް 44،000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާކަމަށް ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރު (ޑީއެމްސީ)ން ވަނީ ބުނެފައެވެ.


