ލޯބިވެރިޔާއަށް ހަމަލާދިން އަންހެން މީހާގެ ބަންދަށް 30 ދުވަސް
10 ޑިސެމްބަރު 2025 - 07:31

ހިނގި ޒުވާބެއްގެ ތެރެއިން ލޯބިވެރިޔާއަށް ތޫނު އެއްޗަކުން ހަމަލާދިން އަންހެން މީހާގެ ބަންދު މުއްދަތު ޖަހައިފިއެވެ.
މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ 10:05 އެހާކަންހާއިރުއެވެ.

Ad by Hajj Corporation
ފުލުުހުން ބުނީ، މި މާރާމާރީގައި 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް އެ އަންހެން މީހާ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު މި މާރާމާރީގައި ދެމީހުންނަށްވެސް އަނިޔާވެފައިވާތީ ދެމީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ.
މި މާރާމާރީއަކީ ލޯބީގޮތުން ގުޅިގެންއުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ހިންގި މާރާމާރީއެއްކަން އެނގިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން އިއްޔެ އެ އަންހެން މީހާ ހައްޔަރުކޮށްފައިވާއިރު، މިއަދު ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެ އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އަނިޔާ ލިބުނު ފިރިހެން މީހާ ވެސް އިއްޔެ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.


