މަސްތުވާތަކެއްޗާއެކު ހައްޔަރުކުރުމުން ބުނީ އެއީ ޕްރޮޓީން އެއް ކަމަށް
10 ޑިސެމްބަރު 2025 - 06:46

މަސްތުވާތަކެތި ބޭނުންކޮށް, ގެންގުޅުމުގެ ކުށުގައި ރާއްޖޭން ހައްޔަރު ކުރި ބަޔަކު، އެމީހުން ގެންގުޅުނީ މަސްތުވާތަކެތި ނޫން ކަމަށާއި އެއީ ޕްރޮޓީންއެއް ކަމަށް ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ. 53 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ.

Ad by Hajj Corporation
އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުގައި އެމީހުންގެ ދިފާއުގައި އެމީހުން ބުނެފައި ވަނީ، މަސްތުވާތަކެތި ކަމަށް ފުލުހުން ތުހުމަތު ކުރާ ތަކެއްޗަކީ މަސްތުވާތަކެތި ނޫން ކަމަށާއި އެއީ ޕްރޮޓީންއެއް ކަމަށެވެ.
ކޯޓުން ނިންމާފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށާއި ފުލުހެއްގެ ބަޔާނަށް ބަލާއިރު ތުހުމަތެއް ކުރެވޭ ކަމަށެވެ. އެ މީހުންގެ ބަންދަށް ކޯޓުން ދީފައިވަނީ ފަސް ދުވަހެވެ.
އެއީ، އެމީހުން ފިލާފާނެ ކަމުގެ އިހުތިމާލު އޮތުމުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބަންދު އަމުރުގައިވެ އެވެ.
ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ އަތުލައިގަތް ތަކެތީގައި މަސްތުވާތަކެތި އެކުލެވޭ ކަމަށް ތުހުމަތުކުރެވޭ ކަމަށާއި އެކަން އިތުރަށް ޔަގީން ވާނީ ތަހުލީލު ރިޕޯޓް ލިބުމުން ކަމަށެވެ. ވަގުތީ ނަތީޖާ ތިން ދުވަސް ތެރޭގައި ލިބޭނެ ކަމަށާއި އަވަސް ތަކެތީގެ ގޮތުގައި ތަހުލީލު ކުރަން ފޮނުވާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.


