އައްޑޫގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީއަކީ ކާކުކަން ދެނެގަތުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
13 މާރިޗު 2026 - 18:02

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނު ބިދޭސީއަކީ ކާކުކަން ދެނެގަތުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން ރިޕޯޓުކޮށްފައިވަނީ 2026 މާރިޗު 13 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:41 އެހައިކަންހާއިރުއެވެ. މި ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

Ad by Hajj Corporation
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ބޭރު ގައުމަކަށް ނިސްބަތްވާ މީހެއްކަމަށް ބެލެވޭ ދޮން ނަސްލުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައެއް ނުވެއެވެ. އަދި އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ މީހަކު ގެއްލިގެން އެއްވެސް ރިޕޯޓެއް ވެސް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވާކަމަށް ފުލުހުން ހާމަކުރެއެވެ.
އެހެންކަމުން، މަރުވެފައި އޮއްވާ ފެނުނު މި މީހަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ނުވަތަ އެ ސަރަހައްދުގައި ނުވަތަ ގެސްޓް ހައުސްއެއް، ރިޒޯޓެއް ނުވަތަ ސަފާރީއެއްގައި އުޅޭ ޓޫރިސްޓެއް ނުވަތަ ބިދޭސީއެއްގެ ޚަބަރެއް ނުވެގެން އުޅޭނަމަ، ލަސްނުކޮށް އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އިލްތިމާސްކުރެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުލުހުން ދަނީ ފުރިހަމަކުރަމުންނެވެ.


