ތިލަމާލެ ބުރިޖުގެ 67 އިންސައްތަ މަސައްކަތް ނިންމާލައިފި
11 ޑިސެމްބަރު 2025 - 12:08

ތިލަމާލެ ބްރިޖް މަޝްރޫއުގެ 67.4 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
ސަރުކާރުގެ 104 ދުވަހުގެ ކާމިޔާބީތަކުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހާމަކޮށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ބުނީ މާލެ، ވިލިމާލެ އަދި ގުޅީފަޅު ގުޅާލާ ތިލަމާލެ ބްރިޖް މަޝްރޫއުގެ 67.4 އިންސައްތަ މަސައްކަތް މިހާރު ނިންމާލާފައިކަމަށެވެ.

Ad by Hajj Corporation
މެންދުރަށް މައުލޫމާތު ދެއްވަމުން ހުސްވި ނޮވެމްބަރުމަހު އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނީ މި މަސައްކަތުގެ ތެރެއިން ތަނބުތަކުގެ ޕައިލިންގ މަސައްކަތް އެއްކޮށްނިމި ޕައިލްކެޕް އެޅުމުގެ މަސައްކަތުގެ 98 އިންސައްތަ މަސައްކަތް ނޮވެމްބަރުމަހުގެ ތެރޭގައި ނިމިފައިވާކަމަށާއި މާލެއާއި ވިލިމާލެ ދެމެދު ތަނބުތަކުގެ ހުރިހާ މަސައްކަތެއްވެސް ނިންމާލާފައިވާކަމަށެވެ.
މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރެވެމުންދަނީ ބްރިކް ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތްތައްކަމަށާއި ބްރިޖް ޑެކްއަށް ބޭނުންވާ 1222 ސެގްމަންޓްސްގެ ތެރެއިން މިހާތަނަށް 912 ސެގްމަންޓްސް ކާސްޓްކޮށް ވަނީ ނިމިފައިކަމަށް ހުސްވި މަހު ވުޒާރާއިން މައުލޫމާތުދީފައިވެއެވެ. އަދި މީގެ ތެރެއިން 437 ސެގްމަންޓްސް އިންސްޓޯލްކުރުމުގެ މަސައްކަތްތައްވެސް ވަނީ ނިމިފައެވެ.
އިންޑިއާގެ ލޯނު އެހީގައި ހިންގާ އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށް 5 އަހަރުގެ ތެރޭގައި ނިންމަން ތާވަލުކުރިނަމަވެސް އެ ސަރުކާރު ނިމިގެން ދިޔައިރުވެސް މަސައްކަތް ނިިމިފައެއްނުވެއެވެ.
ބުރިޖުގެ މަސައްކަތް ބާރު ސްޕީޑުގައި ހިނގައިގަތީ މި ސަރުކާރު އައި ފަހުންނެވެ.
މުޅި މަޝްރޫޢު ނިމޭނެކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހަށެވެ.
ތިލަމާލޭ ބްރިޖަކީ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢެވެ.


