ރައްޔިތުންގެ ރައީސް މިރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ
16 ޑިސެމްބަރު 2025 - 06:33

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާ ޖަލްސާ މިރޭ އޮންނާނެއެވެ.
މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. މި ބައްދަލުކުރެއްވުން އޮންނާނީ މިރޭ 20:30ގައި އިމާދުއްދީން ސްކޫލްގައެވެ.
ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ސަރުކާރުން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅިއާއި މާފަންނުގެ އިތުރަށް ހެންވޭރުގެ ރައްޔިތުންނާ ވެސް އެމަނިކުފާނު މިހާރު ވަނީ ބައްދަލުކުރައްވާފައެވެ.

Ad by Hajj Corporation
މިރޭ ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވާފައިވާއިރު ބުދަ ދުވަހުގެ ރޭ އެމަނިކުފާނު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެއެވެ. މި ބައްދަކުކުރެއްވުން އޮންނާނީ ސޯޝަލް ސެންޓަރުގައެވެ.
އަދި އެއަށްފަހު އަންނަ ބުރާސްފަތިދުވަހުގެރޭ ރައީސް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.
ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވާނީ ޞަލާޙުއްދީންސްކޫލުގައެވެ.
މި ބައްދަލުކުރެއްވުންތަކުގައި ބައިވެރިވުމަށް ސަރުކާރުން ވަނީ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.


