އައު ޓާމިނަލަށް 37 އެއާލައިނެއް ބަދަލުކޮށްފި
21 ޑިސެމްބަރު 2025 - 10:32

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭގެ އައު ފަސިންޖަރު ޓާމިނަލަށް 37 އެއާލައިނެއްގެ ހިދުމަތް ބަދަލުކޮށްފިއެވެ.
އެންމެ ފަހުން ވީއައިއޭގެ އައު ޓާމިނަލަށް ހިދުމަތް ބަދަލުކޮށްފައިވަނީ ފްރާންސްގެ ގައުމީ އެއާލައިންކަމަށް އެއާ ފްރާންސްއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސްޓޭޓް އެއާލައިން، އެމިރޭޓްސްއެވެ.
މިގޮތުން ޓާމިނަލް 1 އިން އެއާ ފްރާންސަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

Ad by Hajj Corporation
ޓާމިނަލް 1 އިން އެއާ ފްރާންސަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 51 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެއާ ފްރާންސްގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 332 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެއާ ފްރާންސުން ރާއްޖެއަށް ދަތުރުތައް ފެށީ 2017 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 2 ވަނަ ދުވަހުއެވެ.
މީގެ އިތުރުން ޓާމިނަލް 1 އިން އެމިރޭޓްސްއަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ޓާމިނަލް 1 އިން އެއާ އެމިރޭޓްސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވާފައެވެ.
އެމިރޭޓްސްއަކީ ރާއްޖެއަށް އެންމެ ގިނަ ފްލައިޓްތައް ބާއްވާ އެއް އެއާލައިނެވެ. އެމިރޭޓްސްއިން މިހާރުވެސް ދުބާއީއާއި ރާއްޖެއާ ދެމެދު ހަފްތާއަކު 28 ދަތުރުކުރެއެވެ. ރާއްޖޭގެ އިތުރުންވެސް، އެމިރޭޓްސް ދުނިޔޭގެ 6 ބައްރުން 85 ޤައުމަކަށް، ވައިގެ ދަތުރުކުރެއެވެ.
އެމިރޭޓްސްއާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 37 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ. މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ދަތުރުކުރާ ހުރިހައި އެއާލައިނެއް އައު ޓާމިނަލަށް ބަދަލުވާނެކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.


