ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފާނަމަ ޖޫރިމަނާކުރާނެ!
22 ޑިސެމްބަރު 2025 - 13:32

މޫސުމީ ގޮތުން ރާއްޖެއަށް ހިޖުރާ ކުރާ ދޫނި ޤަވާޢިދާއި ޚިލާފަށް ހިފާ ގެންގުޅުމަކީ މަނާކަމެއް ކަމަށާއި އެފަދަ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.
އިރުވައި މޫސުމާ ދިމާކޮށް ރާއްޖެއަށް ހިޖުރަކުރާ މޫސުމީ ދޫނިތައް ހިފާ، ގެންގުޅޭ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް ވެސް އެ އޮތޯރިޓީ (އީއާރްއޭ) އިން ވަނީ އެދިފއެވެ. އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރާ ދުވަސްވަރެއް ކަމަށާއި، މި ދޫނިތަކަކީ ގާނޫނީގޮތުން ހިމާޔަތްކުރެވިފައިވާ ތަކެތި ކަމަށެވެ.

Ad by Hajj Corporation
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު" ގެ ދަށުން މިފަދަ ދޫނި ހިފާ ގެންގުޅުމަކީ މަނާކަމެއްކަން އިއުލާންގައި ބުނެފައިވެއެވެ. ނަމަވެސް، ކޮންމެ އަހަރަކުވެސް މި ދުވަސްވަރު ގިނަ އަދަދެއްގެ ދޫނި ހިފާ، ފިޔަކޮށާ، ކޮށިތަކުގައި ބަންދުކޮށްގެން ގެންގުޅުމާއި ވިޔަފާރިކުރާކަން ފާހަގަކުރެވޭ ކަމަށް ވެސް އެ އޮތޯރިޓީއިން ބުނެފައިވެއެވެ.
މި ދޫނިތަކަކީ އެހެން ޤައުމުތަކުން ރާއްޖެއަށް އަންނަ ދޫނިތަކަށްވުމުން މި ދޫނިތައް ހިފާގެންގުޅުމުގެ ސަބަބުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ތަފާތު ބައިނަލްއަޤްވާމީ މުއާހަދާތަކާވެސް ޚިލާފުވެއެވެ. އެގޮތުން ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒްގެ ދަށުން މިފަދަ ހިޖުރަކުރާ ދޫނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ޒިންމާއެކެވެ.
ވީމާ މިފަދަ އަމަލުތައް ކުރާ ފަރާތްތަކަށް މިކަންކަމުން ދުރުހުހެލިވުމަށާއި، ހިފާފައިވާ ދޫނިތަށް ދޫކޮށްލުމަށް އެއޮތޯރިޓީއިން ވަނީ އަންގާފައެވެ. ގަވާއިދާ ޚިލާފަށް މި ފަދަ ދޫނިތައް ހިފާ ގެންގުޅޭ އަދި މި ދޫނިތައް ގަނެވިއްކާ، އެތަކެތީގެ ވިޔަފާރިކުރަމުންދާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ވިދާޅުވެއެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭގޮތުން އެ އޮތޯރިޓީއިން އަންގާ އެންގުންތަކާއި، ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުންދިނުމަށްވެސް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ.


