ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް ޕީއެޗްޑީއަށް ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫން: އެމްކިޔުއޭ
26 ޑިސެމްބަރު 2025 - 11:51

ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް ޕީއެޗްޑީއަށް ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ - އެމްކިޔުއޭއިން ބުނެފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވަނީ ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް ޕީއެޗްޑީއަށް ނުކިޔެވޭ ގޮތް ހަދާފައެވެ.

Ad by Hajj Corporation
މިގޮތަށް ނިންމީ، ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަރުކަޒަކާ ގުޅިގެން ހިންގޭ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތައް ތަންފީޒު ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ވަނީ ނިންމާފައެވެ.
އެގޮތުން ފުލް ޓައިމްގެ ގޮތުގައި ބެލެވޭނީ، އެމްއެންކިއުއެފްގައިވާ ގޮތަށް މަދުވެގެން 3 އަހަރު ދުވަހުގެ މުއްދަތާއި، މަދުވެގެން ފުލް ޓައިމް މުއްދަތު ދެ ގުނަ މުއްދަތު ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މީގެއިތުރުން އެޕްރޮގްރާމް ހިންގާ މަރުކަޒުން ކަނޑައަޅާ ޕާރޓް ޓާއިމް މުއްދަތަކަށް ވާންވާނީ، ފުލް ޓައިމް މުއްދަތުގެ ދެ ގުނަ މުއްދަތަށްވުރެ މަދުނޫން މުއްދަތެެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މީގެއިތުރުން، ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމަކީ 360 ކްރެޑިޓް ހަމަވާންޖެހޭ ޕްރޮގްރާމަކަށްވެފައި، މި ޕްރޮގްރާމަކީ ގިނަ ޢަދަދެއްގެ ދިރާސާތައް އެކުލެވޭ ޕްރޮގްރާމެއްކަމުން މި ޕްރޮގްރާމުގައި އެންމެ މަދުވެގެން ފުލްޓައިމްކޮށް 3 އަހަރު ދުވަހުގެ ތެރޭގައި 3,600 ގަޑިއިރު ފުރިހަމަކުރަންޖެހޭއިރު، ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް މި ޕްރޮގްރާމުގައި ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އަދި ވަޒީފާ އަދާކުރާ ފަރާތްތަކުން މި ޕްރޮގްރާމުގައި ބައިވެރިވާނަމަ، ޕާރޓްޓައިމް އުސޫލުން ކިޔެވުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.
ނަމަވެސް، ވަޒީފާއެއް އަދާނުކޮށް ހަމައެކަނި ކިޔެވުމަށް ޚާއްޞަވެގެން ތިބޭ ފަރާތްތަކަށް ފުލްޓައިމްކޮށް ކިޔެވިދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.


