ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތާޖްމަހަލަށް ޒިޔާރަތް ކުރައްވައިފި


08 އޮކްޓޯބަރު 2024 - 08:49
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިންޑިއާގެ އާގްރާގައި ހުންނަ ތާޖް މަހަލަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސްގެ ދެކަނބަލުން ތާޖްމަހަލަށް ޒިޔާރަތް ކުރައްވާފައިވަނީ އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދަޢުވަތަކަށް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނެވެ.
ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ތާޖްމަހަލަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ. މި ދަތުރުފުޅުގައި އިންޑިއާގެ އިތުރު ސިޓީތަކަށްވެސް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ތާޖް މަހަލްއަކީ ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް އަޖައިބުގެ ގޮތުގައި ބަލައިގަނެފައިވާ ތަނެކެވެ. މިތަނަކީ ފަތުރުވެރިންނާއި ދުނިޔޭގެ އެކި މީހުންގެ މެދުގައި މަޤުބޫލު ބިނާއެކެވެ. މި ބިނާއަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ނިއުދިއްލާއަށް ވަޑައިގަންނަވާ ހުރިހާ ލީޑަރުންނަށްވެސް އިންޑިއާ ސަރުކާރުން ދެއްވައެވެ.
އެ ތަނަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަޤްބޫލު މަންޒިލެކެވެ. ޚާއްސަކޮށް، ޗުއްޓީ ބަންދުގައި ތާޖް މަހަލަށް ގިނަ އަދަދަކަށް ދިވެހިންވެސް ޒިޔާރަތް ކުރެއެވެ.
ތާޖް މަހަލަކީ އިންޑިއާގެ އާގްރާގައި 17 ވަނަ ޤަރުނުގައި އިމާރާތް ކުރި ބިނާއެކެވެ. މި ބިނާއަކީ މަޝްހޫރު މޫގަލް އެމްޕެރަރ ޝާހް ޖަހާން އޭނާގެ އަނބިކަނބަލުން މުމްތާޒްގެ ހަނދާނުގައި ބިނާ ކުރެއްވި ގަނޑުވަރެކެވެ. އދ ގެ ޔުނެސްކޯއިން ވަނީ ތާޖް މަހަލްއަކީ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައިވެސް ކަނޑައަޅާފައެވެ.
އިތުރު ލިޔުންތައް

ރައީސް މުއިއްޒުގެ މަރުހަބާ ލަންކާގެ އިންތިހާބީ ރައީސްއަށް!
9 މަސް ކުރިން
އެމެރިކާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރައްވައިފި
9 މަސް ކުރިން
ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރުކުރުމަށް މަޝްވަރާކޮށްފި
9 މަސް ކުރިން