އެމެރިކާގެ ހަމަލާތަކާ ގުޅިގެން މިއަހަރުގެ ވޯލްޑް ކަޕްގައި އީރާނުން ބައިވެރިނުވާން ނިންމައިފި
12 މާރިޗު 2026 - 04:37

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން، 2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި އީރާނުން ބައިވެރިނުވާނެ ކަމަށް އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދުންޔާމާލީ ބުދަ ދުވަހު އިއުލާނު ކުރައްވައިފިއެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ އެމެރިކާ ހިމެނޭހެން ތިން ގައުމަކުން ކޯ-ހޯސްޓް ކުރާ މުބާރާތެކެވެ.
މި ނިންމުން ނިންމާފައިވަނީ އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން މުޅި ސަރަހައްދުގައި ހަނގުރާމަ ފެށިފައިވާ ދަނޑިވަޅެއްގައެވެ. ދައުލަތުގެ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ވަޒީރު ދުންޔާމާލީ ވިދާޅުވީ، "މި ފަސާދަވެފައިވާ ނިޒާމުން އަޅުގަނޑުމެންގެ ލީޑަރު އަވަހާރަކޮށްލާފައިވާތީ، އެއްވެސް ހާލަތެއްގައި ވޯލްޑް ކަޕްގައި ބައިވެރިވުމަކީ ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.

Ad by Hajj Corporation
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ޖޫން 11 އިން ޖުލައި 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 48 ޓީމުގެ މި މުބާރާތާ ގުޅޭގޮތުން ވަޒީރު އިތުރަށް ވިދާޅުވީ، އީރާނުގެ ކުޅުންތެރިންނަށް އެ ގައުމުގައި ރައްކާތެރިކަމެއް ނެތް ކަމަށާއި، މުބާރާތުގައި ބައިވެރިވުމުގެ އެއްވެސް މާހައުލެއް މިހާރު ނެތް ކަމަށެވެ.
އީރާނާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކަށް ފާޑުވިދާޅުވަމުން ދުންޔާމާލީ ވިދާޅުވީ، ވޭތުވެދިޔަ އަށް މަސް ނުވަތަ ނުވަ މަސް ދުވަހުގެ ތެރޭގައި އެމެރިކާއިން އީރާނުގެ މައްޗަށް ދެ ހަނގުރާމައެއް މަޖުބޫރުކޮށްފައިވާ ކަމަށާއި، މި ހަމަލާތަކުގައި އީރާނުގެ އެތައް ހާސް ރައްޔިތުންނެއް ޝަހީދުވެފައިވާ ކަމަށެވެ.
އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ވިދާޅުވި ގޮތުގައި، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ދޭން ފެށި ވައިގެ ހަމަލާތަކުގައި މިހާތަނަށް އީރާނުގެ 1,300 އަށްވުރެ ގިނަ އާންމު ރައްޔިތުން ވަނީ މަރުވެފައެވެ. މި ހަމަލާތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ.


