ލ. އަތޮޅުގެ ތިން ޖަމިއްޔާއަކަށް އެހީގެ ގޮތުގައި 1.5 މިލިއަން ރުފިޔާގެ އެހީ


13 އޮކްޓޯބަރު 2024 - 00:28
ތިމާވެށި ހިމާޔަތްކުރުމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުރިއަށްގެންދާ އެންހާންސިން ނޭޝަނަލް ޑިވެލޮޕްމަންޓް ތުރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް، އެންދެރި ޕްރޮޖެކްޓުގެ ދަށުން ލ. އަތޮޅުގެ ތިން ޖަމިއްޔާއަކަށް އެހީގެ ގޮތުގައި 1.5 މިލިއަން ރުފިޔާގެ އެހީ ދީފި އެވެ.
އެންދެރި ޕްރޮޖެކްޓަކީ ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ގުދުރަތީ މާހައުލުގެ "އެކައުންޓްސް" ގައުމީ ރައުސުލްމާލުގެ ތެރޭގައި ހިމެނޭނެ ގޮތްތަކެއް ހޯދުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
އެ ޖަމިއްޔާތަކަށް އެހީ ހަވާލުކުރައްވާފައި ލ. ފޮނަދޫގައި ބޭއްވި "އެންދެރި ސްމޯލް ގްރާންޓްސް 2024" ގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ބޭރުގެ ގިނަ ގައުމުތަކުގައި އެ ބައެއްގެ މުހިންމު ގުދުރަތީ ވަސީލަތްތަކުގެ އަގުވަޒަން ކުރެވިފައިވާ ކަމަށެވެ.
އެހެންނަމަވެސް ރާއްޖޭގެ އެންމެ މުހިންމު ވަސީލަތްތައް ކަމަށްވާ ފަރުތަކާއި ކުޅި، ފާ، ޗަސްބިންތަކާއި މޫދުވިނައިގެ މާހައުލީ ނިޒާމުތައް އޮތީ ވަޒަން ނުކުރެވި ކަމަށެވެ.
ޖަމިއްޔާތަކަށް ފޯރުކޮށްދިން އެހީ އާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ އެ އެހީ ހަވާލުކޮށްފައި ވަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) އިން ފަންޑުކޮށްގެން ހިންގާ އެންދެރި ޕްރޮޖެކްޓުގެ ދަށުން ކަމަށެވެ. އޭގެ އިތުރުން ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ރަނގަޅަށް ބަލަހައްޓަން ހަ މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.
އެންދެރި މަޝްރޫއުގެ ދަށުން ހިންގާ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތް ވޭލްސް އާ އެވެ. އެ މަސައްކަތުގެ ތެރެއިން ލ. އަތޮޅުގެ މުރަކަ ފަރުތަކާއި މޫދު ވިނަ އާއި ކުޅި، ފާ، ޗަސްބިންތަކުގެ މިންވަރާ ފެންވަރު ބެލުމުގެ ދިރާސާތަކެއް މި އަހަރު ވަނީ ކޮށްފަ އެވެ.
އެ ދިރާސާތަކުގެ ނަތީޖާ އާންމު ކުރުމަށާއި ކަމާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކަށް ދޭން ޖެހޭ ތަމްރީނު ދިނުމަށް ޔޫއެންއެސްޑަބްލިއުގެ ޓީމެއް މި އަންނަ މަހު ރާއްޖެއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.