މަންމައަށް އަނިޔާކޮށް ފޭރުނު މައްސަލައެއްގައި ދަރިފުޅު ހައްޔަރަށް
22 އޮކްޓޯބަރު 2024 - 11:26

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޕާޓްމެންޓަކުން އަންހެނަކު ރޯއަޑު އިވިގެން ފުލުހުން ބެލި ބެލުމުގައި، އެ އަންހެން މީހާއަށް އޭނާގެ ދަރިފުޅު އަނިޔާކޮށް ފޭރުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާގެ 13 ވަނަ ޓަވަރުގެ އެޕާޓްމެންޓަކުން، އަންހެނަކު ރޯ އަޑު އިވިގެން އިއްޔެ 18:17 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ ރިޕޯޓާ ގުޅިގެން ފުލުހުން ބެލި ބެލުމުގައި، އެ އަންހެން މީހާގެ ދަރިފުޅު، އެހަޑަ، މުހައްމަދު އިސްމާއިލް (28އ) އެ އަންހެން މީހާއަށް އަނިޔާކޮސް، ވަޅިން ޙަމާލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިނުމަށްފަހު، ފޯނު ވެސް ފޭރިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މުޙައްމަދު އިސްމައިލް މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އަންހެން މީހާއަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.