"މިދަޢުރުގެ ތެރޭގައި ރާއްޖޭގެ ކެންސަރު ހޮސްޕިޓަލުން ޙިދުމަތް ދިނުމަކީ ޢަމާޒެއް"
24 އޮކްޓޯބަރު 2024 - 09:28

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ ކެންސަރު ހޮސްޕިޓަލުން ޚިދުމަތް ދިނުމަކީ އަމާޒެއް ކަމަށާއި، އެމަގުން ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވެއްޖެއެވެ.
މާލެ ސަރަޙައްދުގައި ހިންގާ ސަރުކާރު ހޮސްޕިޓަލްތަކުގެ ޚިދުމަތް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޙަލީމް ވިދާޅުވީ، މި އިމާރާތަކީ 25 ބުރީގެ އިމާރާތެއް ކަމަށާއި، މި އިމާރާތް އެޅުމަށް ނިންމާފައިވަނީ އައިޖީއެމް ހޮސްޕިޓަލަށް ދޫކޮށްފައިވާ ބިމުގައި މިހާރު އޮތް ޕާރކިން އޭރިޔާގައި ކަމަށެވެ.
މިމަސައްކަތުގައި މިހާރު ވަނީ ފުރަތަމަ މަރުހަލާގައި ހަދާ ޑިޒައިނާއި ކޮންސެޕްޓްގެ މަސައްކަތް ނިންމާފައެވެ. އަދި އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި އޭގެ ޑީޓެއިލް ކުރެހުންތަކާއި ކޮންޓްރެކްޓްކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބަޖެޓު ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
ހޮސްޕިޓަލްގެ އެނދުގެ އަދަދާއި ޚިދުމަތްތަކުގެ ތަފްސީލްތައް ހިއްސާކުރާނީ ޑީޓެއިލް ކުރެހުންތަކަށްފަހުއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޙަލީމް އިތުރަށް ވިދާޅުވީ، އާބާދީ އިތުރުވި މިންވަރަށް މާލޭގައި، ސިއްޙީ ޚިދުމަތްތަކާ އެނދުގެ އަދަދު އިތުރުކުރެވިފައި ނެތްކަމަށާއި، އެހެންކަމުން މާލޭ ސަރަޙައްދުގައި ސިއްޙީ ޚިދުމަތްތައް ފުޅާކުރުމުގައި މިވަގުތު އެންމެ ބޮޑު އަމާޒެއް އޮތީ އެނދު އިތުރުކުރުމަށްކަމަށެވެ.