ހިޒްބުﷲ އިން އިސްރާއީލު ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް ދީފި
މަރުވި އިސްރާއީލު ސިފައިން ފޮޓޯ--/ ޓީއޯއައި މީޑިއާ
25 އޮކްޓޯބަރު 2024 - 12:05
ފާއިތުވި 24 ގަޑިއިރު ތެރޭގައި ހިޒްބުﷲ ޖަމާއަތުން އިސްރާއީލުގެ ސިފައިންނަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާތަކުގައި ވަނީ އިސްރާއީލުގެ 10 ސިފައިން މަރާލާފައި ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ. އަދި އިސްރާއީލުގެ މީޑިއާތަކުން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. މި ހަމަލާތައް ދީފައި ވަނީ ލުބުނާނުގެ ބޯޑަރު ކައިރީގައި އެއްވެ ތިބި ސިފައިންނަށް އަމާޒުކޮށްގެން ކަމަށް ހިޒްބުﷲ އިން ވަނީ ބުނެފައެވެ. މި ހަމަލާގެ ސަބަބުން 25 އަށް ވުރެ ގިނަ ސިފައިން ވަނީ ޒަޙަމް ވެފައެވެ. އަދި މީގެ ތެރެއިން 7 ސިފައިން ނުކުޅޭދޭ ހާލަތަށް ގޮސްފައިވާކަމަށް ވެސް އިސްރާޢީލުގެ ސިއްހީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އިސްރާއީލުގެ އަސްކަރިޢްޔާ ބުނީ ހިޒްބުﷲ އިން ފޮނުވާލި ހަމަލާތައް އައީ ލުބުނާނުގެ ހުޅަނގުން ކަމަށާއި އަދި އެއްފަހަރާ 25 އަށް ވުރެ ގިނަ ރޮކެޓް މި ހަމާލާގައި ފޮނުވާލާފައިވާ ކަމަށެވެ. އަދި މި ހަމަލާ އަމާޒުވިއިރު އިސްރާއީލުގެ ސިފައިން ތިބީ އިތުރު ހަތިޔާރާއި އެހެނިހެން ސާމާނުތައް ލިބެންދެއް އެ ސަރަހައްދުގައި ހުރި އިމާރާތެއްގެ ތެރޭގައި މަޑުކޮށްލައިގެން ކަމަށް ވެސް އިސްރާއީލުގެ މަސްދަރު ތަކުން ވަނީ ހާމަކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެކަނި ވެސް ހިޒްބުﷲ އިން ވަނީ އިސްރާއީލުގެ 5 ސިފައިން މަރާލާ އިތުރު 19 މީހަކު ޒަޚަމްކޮށްލާފައެވެ. ހިޒްބުﷲ އިން ހަމަލާދިނުމަށް ބޭނުންކުރާ ރޮކެޓެއްގެ އަގު 1000 ޑޮލަރަށް ނާރާއިރު އިސްރާއީލުގެ އަޔަން ޑޯމް އިން ފޮނުވާލާ އެންމެ މިސައިލެއްގެ އަގަކީ $50،000 ޑޮލަރެވެ. އެހެން ކަމުން މި ހަނގުރާމާއިގައި އިސްރާއީލަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބިގެންދާ ކަމަށް އެގައުމުގެ އިގްތިސާދީ މާހިރުން ދަނީ ބުނަމުންނެވެ. އަދި މި ހާލަތުން އިސްރާއީލު އަރައިގަންނަށް އެމެރިކާ އިން އެ ގައުމުގެ ރައްޔިތުންގެ ޓެކްސް ފައިސާ އުސޫލެއް ނެތި ޙަރަދު ކުރަމުން ދާތީ އެކަމާއި އެމެރިކާގެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.