އެންމެ ނިކަމެތި މީހާއަށްވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ ނިޒާމެއް އޮންނަންޖެހޭ - މިނިސްޓަރ
16 ނޮވެމްބަރު 2024 - 15:28
އެންމެ ނިކަމެތި މީހާއަށްވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ ނިޒާމެއް އޮންނަންޖެހޭ ކަމަށާއި، މި ސަރުކާރުން ޤަބޫލުކުރާ ސިއްޙީ ނިޒާމުގެ ސިޔާސަތަކީ ރާއްޖޭގެ އެންމެ ކުޑަ ރަށުގައި ހުރި އެންމެ ނިކަމެތި މީހާއަށް ބޭސްފަރުވާގެ ނިޒާމް އެންމެ އެދެވޭ ގޮތުގައި ލިބުން ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، ކޮންމެ އަހަރެއްގެ ބަޖެޓުން އާސަންދައަށް ކަނޑައަޅާފައި އޮންނަ މިންވަރަށްވުރެ އިތުރަށް ޚަރަދުކުރަންޖެހުމަކީ އިޤްތިޞާދަށް އެކަމުގެ ބުރަ ބޮޑުވާ ކަމެއްކަމަށެވެ. އައު ޚިދުމަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލު ޓަރޝަރީ ފެންވަރަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ އާސަންދަ ނިޒާމް ބޭނުންކުރަމުން އަންނަތާ 15 ވަރަކަށް އަހަރުވިނަމަވެސް އެއްވެސް އަހަރަކު އާސަންދައަށް ކަނޑައަޅާފައިވާ ޢަދަދުން ޚަރަދުތައް ހަމަނުޖެއްސޭކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދާއެކު ސިއްޙީ ދާއިރާގެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ފަށާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވަޒީރު ވަނީ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުގެ ކުރިން ދުޅަހެޔޮ އާބާދީއެއް ބިނާކުރުން މުހިންމުކަން ފާހަގަކުރައްވާފެއެވެ. އެގޮތުން ޕަބްލިކް ހެލްތް ޕްރިވެންޝަންގެ ޕްރޮގްރާމެއް މިހާރު 7 އަތޮޅުގައި ފަށާފައިވާކަމަށާއި އަންނަ އަހަރު މުޅި ރާއްޖެއަށް މި ޕްރޮގްރާމް ފުޅާކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.