"ވޭޕް" ކުރުމުގައި ހުރި ގެއްލުންތައް ރައްޔިތުންނަށް ވިދާޅުވެދެއްވުމަށް މެޑަމް ސާޖިދާ އެދިވަޑައިގަންނަވައިފި
18 ނޮވެމްބަރު 2024 - 11:17

"ވޭޕް" ކުރުން ފަދަ ކަންކަމުގައި ހުރި ގެއްލުންތައް ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ރައްޔިތުންނަށް ވިދާޅުވެދެއްވުމަށް ރައީސްގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު އެދިވަޑައިގަންނަވައިފިއެވެ.
ފަސްޓް ލޭޑީ އެކަމަށް ބާރުއަޅުއްވާފައިވަނީ މިސަރުކާރުގެ ވޭތުވެދިޔަ 52 ވަނަ ހަފްތާގައި ސިއްޙަތާ ބެހޭ ވުޒާރާގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުން ކުރި މަސައްކަތުގެ އަގުވަޒަން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

Ad by Hajj Corporation
އޮރެންޖް ހިޔާގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ ސަރުކާރުން ރައްޔިތުންނަށްޓަކައި ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ސިވިލް ސަރވިސް މުވައްޒަފުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޞިއްޙީ ދާއިރާގެ ފަރާތްތަކަކީ ނުހަނު އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވާ ބައެއްކަން ފާހަގަކުރައްވާފައެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންނާއި ޕޮލިސީ ލެވެލްގައި މަސައްކަތްކުރައްވާ ފަރާތްތައް ގުޅިގެން މަސައްކަތްކުރެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، މިހާރުވެސް ކުރިއަށްގެންދަވާގޮތަށް މަސައްކަތްތައް ކުރިއަށްގެންދެވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ވަނީ ހެލްތު މިނިސްޓްރީގެ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް ދެއްވާ ޝުކުރުގެ ބެޖު ޙަވާލުކޮށްދެއްވާފައެވެ.