ރާއްޖެއަށް ކިޔަވަން އަންނަ ބޭރުގެ ދަރިވަރުންނަށް ހޯމް ސްޓޭ އުޞޫލުން ތިބެވޭނެ އިންތިޒާމް ހަމަޖައްސަނީ
28 ނޮވެމްބަރު 2024 - 06:06

ރާއްޖޭގައި ކިޔަވަން އަންނަ ބޭރުގެ ދަރިވަރުންނަށް ހޯމް ސްޓޭގެ އުޞޫލުން ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ރާއްޖޭގައި މަތީ ތަޢުލީމަށް ކިޔަވަމުންދާ އާބާދީގެ ފަސް އިންސައްތަ، ބޭރުގެ ދަރިވަރުންނަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ޤާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް އެ މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށެވެ. ދަރިވަރުންނަށް ފަސޭހައިން ވިސާ ލިބުމާއި ހުރެވޭނެ އިންތިޒާމް ހަމަޖައްސާނެ އުޞޫލުތައް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ.
ޑރ. ނަޒީރު ވިދާޅުވީ، ވިޒިޓާ އިކޮނޮމީ މޮޑެލްގެ ތެރެއިން މެޑިކަލް ސްކޫލާއި ލ. އަތޮޅުގައި ހުޅުވާ ޓްރެއިނިންގ ރިސޯޓާއި އައްޑޫގައި ފްލައިން ސްކޫލުގެ ޚިދުމަތް ފުޅާ ކުރަނީ އެ އަމާޒަށް ވާޞިލު ވުމުގެ ގޮތުން ކަމަށެވެ.
" ފަސޭހައިން ވިސާ ލިބޭނެ ގޮތް ހެދުމާއި ހޯމް ސްޓޭ އުޞޫލުން އާންމުންގެ ގޭގޭގައި އިންޓަރނޭޝަނަލް ކުދިންނަށް ތިބެވޭނެ ގޮތް ހެދުމަށްޓަކައި ޤާނޫނެއް ފަރުމާ ކުރުމަކީ މި ޕެކޭޖްގެ ތެރޭގައި ހިމެނޭ ކަންތައްތައް. އެ މަސައްކަތް ކުރިއަށް އެބަގެންދަން. މިސާލަކަށް މީހުން ދިރިއުޅޭ ގެއެއްގައި ހުރީ ހުސްކޮށް ހުރި ކޮޓަރިއެއް. އެ ކޮޓަރީގައި ހޯމް ސްޓޭގެ ގޮތުގައި ބޭރުގެ ދަރިވަރަކު ބަހައްޓަން ބޭނުންވަނީ. އެހެން ބަހައްޓާއިރު އެ ކުއްޖަކު ކިޔަވާ ޔުނިވަރސިޓީއަކުން ކަށަވަރުކުރާނެ އެ ޤާނުނުގައި އެ އޮންނަ ކަންތައްތައް އެ ކުއްޖާއަށް ފުރިހަމަ ވޭތޯ. ނިދާ ކޮޓަރީގައި ހުންނަން ޖެހޭ ސްޓޭންޑަޑްތަކާއި ފިޒިކަލީ އެބިއުޒެއް އެކުއްޖާއަށް ނުވާނެކަން ކަށަވަރު ކުރާނެ. އަދި އެ ގޭގައި ދިރިއުޅެނީ ކުރިމިނަލް ރެކޯޑެއް އޮތް ބައެއްތޯ ފަދަ ކަންތައްތަކެއް އެ ޤާނުނުގެ ތެރެއިން ބަލާނެ"
ޑރ. ނަޒީރު ވިދާޅުވީ، އެ ނިޒާމް ޤާއިމް ވެގެންދާއިރު އާންމުންނަށް އެއިން އާމްދަނީ ވެސް ލިބޭނެ ކަމަށެވެ.
އިންޓަރނޭޝަނަލް ދަރިވަރުންނަށް ރާއްޖޭގައި ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، އެފަދަ ދަރިވަރުންނަށް ތިބެވޭނެ ދަނާލްތައް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ޑރ. ނަޒީރު ވަނީ ވިދާޅުވެފައެވެ. އެފަދަ ފަސް ދަނާލެއް އަންނަ އަހަރުގެ ތެރޭގައި، މާލެ ވެސް ހިމެނޭ ގޮތަށް އަޅަން ފަށާނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.