އެސެސަރުންގެ ޕްރޮފެޝަނަލް ތަރައްޤީއަށް ކުރާ ހޭދައަކީ މުސްތަޤުބަލަށް ކުރެވޭ މުހިންމު ހޭދައެއް
9 ޑިސެމްބަރު 2024 - 05:44
.webp&w=3840&q=75)
ޤައުމީ އެސެސަރުންގެ ޕްރޮފެޝަނަލް ތަރައްޤީއަށް އިންވެސްޓްކުރުމަކީ ދިވެހިރާއްޖޭގެ ފަހި މުސްތަޤުބަލަށް ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއްކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އިން ނޭޝަނަލް އެސެސަރ ޓްރެއިނިންގް ޕްލޭން ލޯންޗުކުރުމަށް، މިއަދު ހެނދުނު ހ. މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު މި ތަޢާރަފުކުރާ ޤައުމީ އެސެސަރުން ތަމްރީނުކުރުމުގެ ޕްލޭނަކީ ހަމައެކަނި ލިޔުމެއް ނޫންކަމަށެވެ. މި ޕްލޭނަކީ ޚާއްޞަކޮށް މިހާރު ރަޖިސްޓްރީވެފައިވާ އެސެސަރުންނަށާއި އަދި ކުރިމަގުގައި މި ޓީމުގެ ސަފުތަކާ ގުޅޭނެ ފަރާތްތަކަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ ޕްލޭނެއްކަމަށެވެ. އަދި މި ޕްލޭނުން ސީދާ އަމާޒުކުރަނީ ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރެއިން އެއް ގޮންޖެހުމަށްކަމަށެވެ. އެއީ އެކި ދާއިރާތަކުގައި ހުނަރުތައް އިމްތިހާނުކޮށް، ވަޒަންކޮށް، އަދި ސަނަދު ދެވޭނެ ފެންވަރު ރަނގަޅު އެސެސަރުން ހޯދައި ތަރައްޤީކުރުންކަމަށެވެ.
މި މަސައްކަތަކީ ހަމައެކަނި އިދާރީ އިޖުރާއަތެއް ނޫން. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުމާއި، އަޅުގަނޑުމެންގެ ސަރުކާރުން ހުނަރުވެރި އަދި އަމިއްލަ ފައިމައްޗަށް ތެދުވެވޭ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތުގެ ފުރިހަމަ ނަތީޖާއެއް. އަޅުގަނޑުމެންގެ ޤައުމީ އެސެސަރުންގެ ޕްރޮފެޝަނަލް ތަރައްޤީއަށް އިންވެސްޓްކުރުމަކީ ދިވެހިރާއްޖޭގެ ފަހި މުސްތަޤުބަލަށް ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއް
މިނިސްޓަރ ވިދާޅުވީ އަމާޒަށް ވާސިލް ވުމަށްޓަކައި މިހާރުވެސް ވަނީ ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދާފައިކަމަށެވެ. އެގޮތުން މިވަގުތު އެމްއެންއެސްޑީއޭގައި 201 ޤައުމީ އެސެސަރުން ރަޖިސްޓްރީވެފައިވާއިރު، މިއީ އެކި ދާއިރާތައް ތަމްސީލުކުރާ އަދި ޤައުމުގެ ތަޢުލީމީ ނިޒާމަށް ތަޖުރިބާއާއި ހުނަރު ގެނެސްދޭ ބައެއްކަމަށެވެ. އަދި އެސެސްމަންޓް އޮނިގަނޑުގެ ފެންވަރު އިތުރަށް މަތިކުރުމަށްޓަކައި، ފުރިހަމަ ތަމްރީނު މެނުއަލެއް އެކުލަވާލައި، އަދި 29 ޓްރެއިނިންގ އޮފް ޓްރެއިނަރުން ތަމްރީނުކުރުމަށް އިންވެސްޓްކޮށްފައިވާކަމަށެވެ. މި ޓްރެއިނަރުންނަކީ ދެމެހެއްޓެނިވި ހުނަރު ތަރައްޤީކުރުމުގެ ސްޓްރެޓެޖީގައި މުހިންމު ދައުރެއް އަދާކުރާނެ ބައެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ޕްލޭނަކީ ދިވެހިރާއްޖޭގައި ފަންނީ ހުނަރުވެރި މަސައްކަތްތެރީން ބިނާކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް އެސެސްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ނޭޝަނަލް އެސެސަރުންގެ މަސައްކަތުގެ ފެންވަރު އެއް މިންގަނޑެއްގައި ދެމެހެއްޓުމަށްޓަކައި ވޯލްޑް ބޭންކުގެ އެހީގައި އެކުލަވާލައިފައިވާ ޕްލޭނެކެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ތަޢުލީމާއި ހުނަރު ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ވޯލްޑް ބޭންކަކީ ދެމިހުރި ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާގެ ޚިދުމަތްތަކާއި ޒުވާނުންގެ ވަޒީފާއަށް ޤާބިލުކަން އިތުރުކުރުމާއި ކެރިފޯރުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢު ފަދަ މަޝްރޫޢުތަކުގެ ޒަރީޢާއިން، އަޅުގަނޑުމެންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ވޯލްޑް ބޭންކުން މުހިންމު މާލީ އެހީތެރިކަމާއި ތަޖުރިބާ ފޯރުކޮށްދީފައިވާކަން ފާހަގަ ކުރައްވާ އެ ފަރާތަށް މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ ޑރ. ޒަހްރާ މުޙައްމަދު، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން، ޑެޕިއުޓީ މިނިސްޓަރުން، ސީއީއޯއިން، ގެ އިތުރުން މެނޭޖިންގ ޑިރެކްޓަރުނާއި، ވޯލްޑް ބޭންކް ޓީމާއި ނޭޝަނަލް އެސެސަރުން ވަނީ ބައިވެރިވެވަޑައިނަވާފައެވެ.